ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު އަންނަ އަހަރު ދިވެހި ސަރުކާރުން ދައްކަންޖެހޭ 600 މިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ބުރައެއް ނެތި ދެއްކޭނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައަޅުއްވަމުންނެވެ.
ބަޖެޓު ހުށައަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔާ ކޮޅަށްޖަހައި ރާއްޖޭގެ އިޤުތިސާދުގެ ދުވެލި ކުރިއަރައިގެންދާނެ މަގެއްގައި ބައްޓަންކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރައްވާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ގެނައި ބަދަލުތަކާއެކީގައި މިހާތަނަށް ސަރުކާރުން އަދާކުރަންޖެހޭ އެންމެހާ ދަރަނިތަކާއި ޒިންމާތައް ގަޑިން ގަޑިއަށް އަދާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ 40 ހަފުތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއާއެކު 200 މިލިޔަން އެމެރިކާ ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައިހުރި ކަމަށް އަންދާޒާކުރެވޭކަމަށާއި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތް ނާޒުކު އިޤުތިޞާދީ ހާލަތުން ވީއްލި، ބޭރުގެ ދަރަނި ގަޑިން ގަޑިއަށް ދައްކާނެކަމުގެ ޔަގީންކަން އަލުން ހޯދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"2026 ވަނަ އަހަރަކީ، ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރު. މިފަދަ ބޮޑު ދަރަނީގެ ޒިންމާ އެކީ އެއްފަހަރާ އަދާކުރަން ޖެހިފައިވޭ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަންނަ އަހަރު ދައުލަތުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފާވާ ކަމަށެވެ. އަދި ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެ ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ ބޭނުމަށްޓަކައި ރައްކާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދާ 450 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާވެސް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ހޯދޭނެކަމަށް ލަފާކުރެވޭކަމަށާއި ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅައިގެން، 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރުމަށް ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަހަރަށް ދައުލަތުން ވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައަޅުއްވާފައެވެ.