އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ހޯދައިދިނުމަށް ޖުޑިޝަރީ ގްރާންޓްގެ ގޮތުގައި 807.9 މިލިޔަން ރުފިޔާ ހިމަނުއްވައިފިއެވެ.
ޝަރުޢީ ދާއިރާ މާލީ ގޮތުން މިނިވަންކުރުމަށް ފަނޑިޔާރުންނަށް އެލަވަންސެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައަޅުއްވަމީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުން ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ދިނުމަށް ނިންމެވުމާއެކު ޝަރުޢީ ދާއިރާއަށް ގްރާންޓެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ މިހާރު މި ދާއިރާއަށް ކުރެވޭ ޚަރަދާ އަޅާބަލާއިރު، 250 މިލިޔަން ރުފިޔާގެ އިތުރުވުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށް ހިމަނުއްވާނެކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.
މާލީ ވަޒީރު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިޔަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 އިންސައްތަ ކަނޑައަޅާފައިވަނީ ރިކަރަންޓް ޚަރަދަށް ކަމަށެވެ. އަދި އަންނަ އަހަރުގެ ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާ ގުޅިގެން އިތުރުވާ މުސާރައާއި އުޖޫރައިގެ ޚަރަދަށް ކަމަށެވެ.
"2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެއް." ވަޒީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައަޅުއްވާފައެވެ.