2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 5.6 ބިލިޔަން ރުފިޔާ ކަނޑައަޅައިފިއެވެ.
ތަޢުލީމީ ދާއިރާއަކީ ޞިއްޙީ ދާއިރާއަށް ފަހު ދެވަނައަށް ބަޖެޓުން އެންމެ ބޮޑު އިސްކަމެއްދޭ ދާއިރާއެވެ.
ބަޖެޓުގައި ވާގޮތުން ތަޢުލީމީ ދާއިރާއަށް 5.6 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ޕްރީ ސްކޫލް އަދި ފަށާ ތަޢުލީމަށް ވަނީ 1.9 ބިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. އަދި ސާނަވީ ތަޢުލީމަށް 1.2 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު މަތީ ސާނަވީ ފެންވަރަށްފހު ދެވޭ ތަޢުލީމަށް 218.1 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މަތީ ތަޢުލީމަށް 831.7 މިލިޔަން ރުފިޔާވެސް ކަނޑައަޅާފައިވެއެވެ.
ތަޢުލީމީ ދާއިރައެގެ އެކި މަޝްރޫޢުތަކަށް ޕީއެސްއައިޕީން ވަނީ 779 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނޭ ސްކޫލް އިމާރާތްކުރުމާއި އަޕްގްރޭޑްގެ މަސައްކަތްތަކަށް 598.5 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މަތީ ތަޢުލީމްގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްވެސް 124.2 މިލިޔަން ރުފިޔާ ވަނީ ކަނޑައާޅަފައެވެ. އޭގެ ތެރޭގައި ރިސާޗް އިންސްޓިޓިއުތްތަކާއި ލައިބްރަރީތަކަށް 7 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ކޮލްޖްތަކާއި ޔުނިވަރސިޓީތަކަށް ޚާއްސަކޮށްގެން 116.8 މިލިޔަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ދީނީ ޚިދުމަތަށް 385.7 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. ޕީއެސްއަޕީގެ ދަށުން މިސްކިތް އިމާރާތް ކުރުމަށް 46.2 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު އެހެނިހެން ދީނީ ތަންތަނަށް ޚާއްސަކޮށްގެން 2 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.