ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުމަކީ މާލީގޮތުން ތިމާއަށްވެސް ބުރަބޮޑު ކަމެއް!


  • ސިނގިރޭޓު ބުއިން ހުއްޓާލާ އެފައިސާ ރައްކާކޮށްފިނަމަ، 2 މަހުން ޢުމްރާއަށްދެވޭހާ ފައިސާ ރައްކާކުރެވޭ

  • އަހަރެއްގެ ތެރޭގައި ޔޫރަޕަށް ޢާއިލާއާއެކު ދަތުރެއް ދެވިދާނެ

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްޙީ ގޮތުން ނުރައްކާތައް ކުރިމަތިކުރުވާ އާދައަކަށްވާއިރު އެއީ މާލީގޮތުންވެސް މީހާއަށް ބުރަބޮޑުވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި އެވަބާއިން ސަލާމަތްވެގެން ތިބި އެތައް ބަޔަކު މިކަމަށް އިއްތިފާޤުވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ މާލީގޮތުން ފަރުދުންގެ ޖީބަށާއި، ޤައުމުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރާކަމެކެވެ. ޕީއެސްއެމްއާއި ވާހަކަދެއްކި ބައެއް މީހުން ފާހަގަކުރިގޮތުގައި، ދިވެހީންގެ ތެރޭގައި "ހެވީ ސްމޯކަރސް" ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ދެވިހިފާފައިވާ މީހުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ގާތްގަނޑަކަށް 2 ފޮށި ސިނގިރެޓު ހުސްކުރެއެވެ. މިހާރު ސިނގިރޭޓުގެ އަގުތަކަށް ބަލާއިރު ފޮއްޓެއް ލިބެނީ 250 ވަރަކަށް ރުފިޔާއަށެވެ. އެއީ މަހެއްގެ މައްޗަށް 15000 ރުފިޔާއެވެ. އަހަރެއްގެ މައްޗަށް 180000 ރުފިޔާއެވެ. އާންމު ދިވެއްސެއްގެ ޢާމްދަނީއަށް ބަލާއިރު އެއީ ކުޑަ އެއްޗެއް ނޫނެވެ.

ދުންފަތަށް ކުރާ ހޭދަ ރައްކާކޮށްފިނަމަ، 2 މަހުން ޢުމްރާ ދަތުރެއް ދެވޭހާ ފައިސާ ރައްކާކުރެވޭނެއެވެ. 5 މަހުގެ ފައިސާ ރައްކާކޮށްފިނަމަ، އަގުބޮޑު ސައިކަލެއް ގަނެވޭހާ ފައިސާ މިކަމަށް ޚަރަދުކުރާއިރު އަހަރެއްގެ ތެރޭގައި އެޕާޓްމަންޓެއް ގަތުމަށް އިކުޓީ ދެއްކޭނެއެވެ. އަދި ކުޑަ ވިޔަފާރި އެއްވެސް ފެށިދާނެއެވެ. ހަމައެއާއެކު ޔޫރަޕްގެ ޤައުމަކަށް ޢާއިލާއާއެކު ޗުއްޓީ ދަތުރެއްވެސް ހޭދަކުރެވިދާނެއެވެ. މިއީ ދުންފަތުގެ އިސްތިއުމާލުކުރާ މީހަކު އެފައިސާ ރައްކާކޮށްފިނަމަ ކުރެވިދާނެ ކަންކަމެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުރީގެ ޒުވާނުން އަދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން، ސިއްޙަތަށާއި، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިކަމަށެވެ. އެގޮތުން ހެނދުނު ހޭލާއިރު މެއަށް ބާރުވުމާއި ކަރުތެރެއަށް އުނގަދޫވެފައި ހުންނަ ހުރުމާއި، ކެއްސުން ފަދަ ކަންކަމުން ދުރުވިކަން މަޚްލޫފް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއެކު މާލީގޮތުން ބޮޑު އެއްޗެއް ރައްކާކުރެވުނުކަމަށް ވިދާޅުވިއެވެ.

"ސީދާ ސިނގިރޭޓު ގަންނަންދާ ޚަރަދުގެ އިތުރަށް، އޭރުވަގޮތަކީ ސިނގިރޭޓު ބޯލަންވީމަވެސް އަޅުގަނޑު ދަނީ ކޮފީއަކަށް. ރައްޓިއްސަކަށްވެސް ގުޅާނެ ކޮފީއަކަށް. އެހެންވީމަ އެދިޔަ ޚަރަދު ހަމަ ހަގީގަތުގަވެސް، ޔަގީން އަޅުގަނޑު އަތުން 15000 އެއްހާ ރުފިޔާ އޭގެތެރެއިން ސަލާމަތްކުރެވުނު.މިހާރު ކަމާ ކަންފަށާ ކޮފީއަކަށްވެސް ދާކަށް ނުޖެހޭ." މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ ސިނގިރޭޓު ބޯއިރު ގައިންދުވާނެ ނުބައި ވަސް އިޙްސާސް މިއަދު ކުރެވެނީ، އެވަބާއާއި ދުރަށްގޮސް ސިނގިރޭޓު ބޯ އެހެން މީހުންނާ ބައްދަލުވުމުންކަމަށެވެ. ސިނގިރޭޓުގެ ވަހާއި ހަށިގަނޑުގައި އެހުންނަ ކެމިކަލްތަކާއެކު ގެއަށް ޢާއިލާ ގާތަށް ދިޔުމަކީ ރައްކާތެރި ނޫންކަމެއްކަން މިއަދު އިޙްސާސްކުރެވޭކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުގެ ސަބަބުން ތިމާގެ ޖީބަށް ލިބޭ ލުޔާއި، ތިމާއާއި ތިމާގެ ވަށައިގެންވާ މީހުންގެ ސިއްޙަތަށް ހެޔޮ ބަދަލެއް ގެނުވައެވެ. އެހެންކަމުން މިއީ ދުންފަތާއި ދުރަށް ދިޔުމަށް ޢަޒުމް ކަނޑައަޅަންވީ ސަބަބުތަކެވެ.