މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ޕީއެސްއެމް ނިއުސްއިން "ބަޑި ބުރާސްފަތި"ގެ ނަމުގައި ޚާއްސަ ޑޮކިއުމެންޓްރީއެއް ގެނެސްދޭނެއެވެ. މި ޑޮކިއުމެންޓްރީ ދައްކާނީ، ނަޞްރުގެ ދުވަހުގެ މެންދުރުފަހު 14:30 ގައެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ، އެ ދުވަހުގެ ހަނދާންތައް ދުވަހަކުވެސް ހިތުން ނުފިލާނެ ދުވަހެކެވެ. ޚާއްސަކޮށް އެ ދުވަސް ލޮލުން ދުށް މީހުންނެވެ. ނޮވެންބަރު 3ވީ ބުރާސްފަތި ދުވަހަށް އަލިވިލުނީ، ކަޅު އަނދިރި ވިލާގަނޑެއްގެ ތެރެއިން ވެރި ރަށަށް މޮޅިވެރިކަން ގެނުވަމުންނެވެ. އެ ދުވަހަކީ، ބޭރުގެ ނިރުބަވެރި ހަނގުރާމަ ޖަމާޢަތަކާ ގުޅިގެން ދިވެހިންގެ ތެރެއިން 6 ޣައްދާރުން ދިވެހި ޤައުމުގެ ޤާނޫނީ ވެރިކަން ވައްޓާލުމަށް ވެރިރަށް މާލެއަށް ޢުދުވާނީ ޙަމަލާއެއް ދިން ދުވަހެވެ.
ސްރީލަންކާގެ ސަރުކާރާވެސް ތޮޅެމުންދިޔަ ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް، ޕްލޯޓް ޖަމާޢަތާ ގުޅިގެން ދިވެހިންގެ ތެރެއިން 6 ބާޣީން ދިން އެ ޙަމަލާ ނާކާމިޔާބު ކޮށްލުމުގައި އާދަޔާ ޚިލާފު ވަރުގަދަ ހިތްވަރެއް ދިވެހި ސިފައިން ދެއްކިއެވެ. އެ ދުވަހު ސިފައިންގެ ތެރެއިން 8 ބޭކަލަކާއި، 11 ޢާންމުން ޝަހީދުވިއެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ، ބިރުވެރި ދުވަހެކެވެ. ނާމާން ދުވަހެކެވެ. އެ ދުވަހު ދިވެހިން ކުރީ ފަހުގެ ތާރީޚެއްގައި ދުވަހަކުވެސް ދިވެހިން ކޮށްފައިނުވާ ފަދަ ތަޖުރިބާއެކެވެ. އެ ދުވަހު ލޯ މައްޗަށް ތިލަވަމުން ދިޔައީ ހުވަފެނުންވެސް ދިވެހިން ތަސައްވަރުކޮށްފައިނުވާ ނާމާން މަންޒަރުތަކެކެވެ. އެއީ އާދަޔާ ޚިލާފު ދުވަހެކެވެ. ނޮވެންބަރު 3 ވަނަ ދުވަހުގެ ވާހަކަތައް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ބަޑި ބުރާސްފަތި" ޑޮކިއުމެންޓްރީގައި އެ ދުވަސް ލޮލުން ދުށް މީހުން ކިޔައިދެއްވާނެއެވެ.
އެ ދުވަހު ހިނގާ ދިޔަ ކަންކަން ވަރަށް ގާތުން ދުށް 4 ބޭފުޅެއްގެ ވާހަކަތައް ޑޮކިއުމެންޓްރީގައި ގެނެސްދެވޭނެއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ، އޭރު ހަވީރު ނޫހުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުޙައްމަދު ޒާހިރު، މަޝްހޫރު ނަމުންނަމަ މީމު ޒަވިޔަންޏެވެ. އެ ދުވަހު ފޮޓޯ ނެގުމަށް އުޅުމުގެ ތެރޭގައި އޭނާއަށް ފެނުނު މަންޒަރުތައް ވަރަށް ތަފުސީލުކޮށް ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާނެއެވެ.
ޑޮކިއުމެންޓްރީއަށް އިންޓަވިއު ދެއްވި އަނެއް ބޭފުޅަކީ، ކުރީގެ ޕްލޭނިން އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓް މިނިސްޓަރު ހަމްދޫން ޙަމީދެވެ. ހަމްދޫން ޙަމީދަކީ، އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޙަމީދުގެ ދަރިފުޅެވެ. އެ ދުވަހު ހާދިސާ ހިނގިއިރު، ހަމްދޫން ހުންނެވީ ބައްޕާފުޅުގެ އަރިހުގައި ގެކޮޅުގައެވެ. މަރުޙޫމް ޢަބްދުﷲ ޙަމީދުގެ ގެކޮޅު ވެގެން ދިޔައީ، ދުޝްމަނުންގެ އެންމެ މުހިންމު އެއް ޓާގެޓަށެވެ. ގެކޮޅުގައި އެ ދުވަހު ހިނގައިދިޔަ ހާދިސާތައް ހަމްދޫން ޙަމީދު ތަފުސީލީ ގޮތެއްގައި ކިޔައިދެއްވާފައިވެއެވެ.
ޑޮކިއުމެންޓްރީއަށް އިންޓަވިއު ދެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގިނަ އަދަދެއްގެ ވުޒާރާތަކެއްގެ ވަޒީރުކަން ކުރެއްވި އިލްޔާސް އިބްރާހިމްގެ ކުރީގެ އަނބިކަނބަލުން ޑރ.އާމާލް އަލީވެސް ހިމެނިވަޑައިގަންނަވައެވެ. އޭރު ޑެޕިއުޓީ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އިލްޔާސް އިބްރާހިމްގެ ގެކޮޅު ވެގެން ދިޔައީވެސް ދުޝްމަނުންގެ އަމާޒަކަށެވެ. އެ ދުވަހު އޭރުގެ ފިރިކަލުން އިލްޔާސާއެކު ކުރެއްވި ތަޖުރިބާ ޑރ.އާމާލް ޙިއްސާކުރައްވާފައިވެއެވެ.
ޑޮކިއުމެންޓްރީއަށް އިންޓަވިއު ދެއްވި 4 ވަނަ ބޭފުޅަކީ، އިބްރާހިމް ފަރީދެވެ. އޭރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ، ތަޢުލީމީ ދާއިރާގައެވެ. ފަޖުރުގެ ވަގުތު ދުޝްމަނުން މާލެއަށް އަރައިގެން އެ މީހުންގެ ޢަމަލުތައް ހުރި ގޮތް އެންމެ ކައިރިން ދުށް އެކަކަކީ، އިބްރާހިމް ފަރީދެވެ. އޭނާގެ ތަޖުރިބާ ވަރަށް ތަފުސީލުކޮށް ވަނީ ކިޔައިދެއްވާފައެވެ.
މިއަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ގެނެސްދެވޭ "ބަޑި ބުރާސްފަތި" ޑޮކިއުމެންޓްރީ ވާނީ، އެ ބިރުވެރި ދުވަހުގެ މަންޒަރުތައް ސިފަވާނެ ފަދަ ގޮތަކަށް ޝައުޤުވެރި އެތައް މަޢުލޫމާތެއް ހިމެނިގެން ގެނެސްދެވޭ ޑޮކިއުމެންޓްރީއަކަށެވެ.