ތުރުކީން އެ ގައުމުގެ 149 ރެފްރީ އަކު އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
މިފަދަ ބޮޑު އަދަބެއް ދިނީ ރެފްރީން ބެޓް ކުރާ ކަމަށް ކުރެވިފައިވާ ތުހުމަތުތަކާހެދި އެވެ. އަދި ބެޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގައި ތިން ރެފްރީއެއްގެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ. އަދި އިތުރު ތިން ރެފްރީއެއްގެ މައްސަލަ ބަލަން ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.
ރެފްރީންގެ މައްސަލަ ބޮޑު ތުރުކީ ލީގުގައި ރެފްރީކަން ކުރާ ރެފްރީން މެޗުތަކުގެ ނަތީޖާ ވަކި ގޮތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރާ ބެޓިން ގްރޫޕްތަކާ ބައިވެރިގެން ފައިސާގެ ބޮޑެތި މުއާމަލާތްތައް ކުރާކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. މި ގޮތުން ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެން ކުޅުންތެރިން މެޗު ހުއްޓާލުމާއި ސަޕޯޓަރުން ދަނޑަށް އެރުމާއި ކުލަބުތަކުގެ ވެރިން ދަނޑަށް އަރައި ރެފްރީންނާ ކުރިމަތިލުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ.
ތުރުކީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އިބްރާހީމް ހާޝިއޯސްމަނޮގްލޫ ވިދާޅުވީ މިއީ ތުރުކީގެ ފުޓްބޯޅައިގެ މޫނުމަތި ހަޑިވިޔަ ނުދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
"އިންސާފާއި ކަރާމާތަކީ ވަރަށް މުހިންމު އެއްޗެއް. ގޯސްކޮށް ކަންކަމުގެ ސަބަބުން ފިޔަވަޅު އަޅަންޖެހޭ. ގަވާއިދުތައް މުގުރާލާނަމަ ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭނެ. މިއީ އިތުބާރު ދަމަހައްޓަން އަޅަންޖެހޭ ފިޔަވަޅެއް. މިހާތަނަށް ކުރެވިފައިވ ތަހުގީގުތަކުން އެނގެނީ ބައެއް ރެފްރީން ސީދާ ގޮތުން ވެސް ބެޓް ކުރުމުގައި ބައިވެރިވެފައިވާކަން. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫން. މިއީ އިންސާފު ގެއްލުވާލުމަށް ނާޖާއީރު ފައިދާ ނެގުމުގެ އަމަލެއް،" ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުރުކީ ސަރުކާރުން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން އެނގޭ ގޮތުގައި އެ ގައުމުގެ 571 ރެފްރީންގެ ތެރެއިން 371 ރެފްރީން ބެޓިން ގްރޫޕްތަކާއެކު މުއާމަލާތް ކުރުމަށް މަދުވެގެން އެއް އެކައުންޓް ގެންގުޅޭ ކަމަށެވެ. މީގެ ތެރެއިން 152 ރެފްރީއަކު ބެޓްކޮށްފައިވަނީ ފުޓްބޯޅަ މެޗުތަކަށް ކަމަށެވެ. މީގެ ތެރޭގައި އެންމެ މަތީ ފެންވަރުގައި ރެފްރީކަން ކުރާ ހަތް ރެފްރީ އަކާއި 13 އެސިސްޓެންޓް ރެފްރީން ހިމެނޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ 10 ރެފްރީއަކު ފަސް އަހަރު ވެންދެން ގަވާއިދުން 10000 މެޗަކަށް ބެޓްކޮށްފައިވާ ކަމަށެވެ. އަދި އެއް ރެފްރީއަކު 18227 މެޗަކަށް ބެޓްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ރެފްރީންގެ އިތުރުން ބެޓް ކުރުމުގައި ބައިވެރިވެފައިވާތީވެ 3700 ކުޅުންތެރިއެއްގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.