އެހެން ޓީމެއްގެ ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލްގެ ދަނޑަށް ދާ ފުރަތަމަ ފަހަރު ސަޕޯޓަރުން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް އޭނާގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލު ނުވާނެ ކަމަށް ޓްރެންޓް އެލެގްޒެންޑާ އާނޮލްޑް ބުނެފި އެވެ.
އިނގިރޭސި ކުޅުންތެރިޔާ އަކީ މިހާރު ސްޕޭނުގެ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެކެވެ. އޭނާ މި ސީޒަނުގައި އެ ކުލަބަށް ބަދަލުވީ ލިވަޕޫލްގައި 20 އަހަރު އުޅުމަށްފަހު އެވެ. އެ ކުލަބުގެ އެކަޑަމީން ފެށިގެން އައި ކުޅުންތެރިޔާ ކުލަބު ދޫކޮށްލުންވީ ސަޕޯޓަރުންނަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ. މި ގޮތުން އޭނާ ރެއާލް އަށް ދާ ވާހަކަ އަޑުއިވުމާއެކު ކުޅުންތެރިޔާ އަށް ހުސްވި ސީޒަނުގައި މަލާމާތްކޮށް ވެސް ހެދި އެވެ. އެކަން ހުއްޓުނީ ކޯޗާއި ކުޅުންތެރިން އެކަމަށް އެދިގެންނެވެ. މިހެންވެ މި ހަފުތާގައި ޗެމްޕިއަންސް ލީގު ކުޅެން ރެއާލްގެ ޖާޒީގައި އޭނާ ލިވަޕޫލަށް ދާ މެޗަކީ ހާއްސަ މެޗެކެވެ. އެންމެން ވެސް އިންތިޒާރު ކުރަނީ ލިވަޕޫލް ސަޕޯޓަރުން އޭނާ އަށް ކިޔާނެ މަރުހަބާއަކަށެވެ.
"ކޮންމެ ގޮތަކަށް ކަންތައްތައް ވިޔަސް އަހަރެންގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލެއް ނުވާނެ. އަހަރެން އަބަދުވެސް ހުންނާނީ ލިވަޕޫލްގެ ސަޕޯޓަރެއްގެ ގޮތުގައި. އަހަރެން ކުލަބު ދޫކޮށްލީ ކުލަބަށް ކާމިޔާބު ހޯދާދީފައި އަހަރެންގެ ހަޔާތުގެ އައު ސޮފުހާއަކަށްޓަކައި،" އާނޮލްޑް ބުންޏެވެ.
އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ރެއާލްއާ ވާދަކުރަން ޖެހުމުން ބައެއް ކުޅުންތެރިންގެ ސަމާސާގެ މެސެޖްތައް އޭނާ އަށް ލިބުނު ކަމަށެވެ.
"އަހަރެން ގާތަށް ހިނި އަންނަނީ އެ މެސެޖްތަކުން. އަހަރެންނާ ވަރަށް ގާތްކޮށް އުޅޭ ކުޅުންތެރިން އަބަދުވެސް މެސެޖް ކުރޭ މި މެޗުގެ ވާހަކަ ވެސް ދައްކާ. ސަލާހް އާއި އިބްރާހީމާ ކޮނާޓޭ އަދި އެންޑީ ރޮބަޓްސަން އަށް މިކަން އެނގޭނެ،" އާނޮލްޑް ބުންޏެވެ.
މި މެޗަށް ލިވަޕޫލަށް ދިޔަ ނަމަވެސް އޭނާ ކުޅޭނެ ކަމާމެދު ޝައްކެވެ. ސަބަބަކީ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ނުކުޅެ މިދިޔަ މަހެއްހާހާ ދުވަހު ހުންނަން ޖެހުމެވެ.