ނަޞްރުގެ ދުވަހުގެ މުނާސަބާގައި ހުޅުމާލެ ޕޮލިސްގެ ފަރާތުން "ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
މި ހަރަކާތުގައި ވަނީ ޝަހީދުވި އަބްޠާލުންގެ ހަނދާނުގައި ސުކޫތެއް ބާއްވާފައެވެ. އަދި ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުމާއި، ޝަހީދުވި ފަރާތްތަކުގެ ޒިކުރާ އާކޮށް، އެ ފަރާތްތަކަށް ހެޔޮ ރަހުމަތްލެއްވުން އެދި ވަނީ ދުއާކޮށްފައެވެ.
މި ޙަރަކާތުގައި ހުޅުމާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލް މެނޭޖްމަންޓުން ވަނީ ބައިވެރިވެފައެވެ.
"ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ނިމުމުން އޮތީ "ނަޞްރުގެ ފަސާނާހުޅުވުން" މެވެ. ނަޞްރު ފަސާނާއަކީ 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 03ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނުގައި ހަނގުރާމައިގެ ކަންކަން ހިނގައި ދިޔަ ގޮތުގެ ވާހަކަ ފޮޓޯތަކުންނާއި ލިޔުމުން ކިޔައިދޭ ގޮތަށް ތައްޔާރުކޮށްފައި ހުރި މާލަމެކެވެ.
"ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ހަރަކާތުގައި ބައިވެރިވި ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނާއި ޝަރަފުވެރިން ވަނީ ނަޞްރުގެ ފަސާނާ ބަލާލައި، ދުވަހާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކޮށްފައެވެ.
"ނަޞްރުގެ ފަސާނާ" ތައްޔާރުކޮށްފައިވާ މާލަން 6 ނޮވެންބަރުގެ ރެއާ ހަމައަށް ހުޅުވާފައި ހުންނާނެއެވެ. ސްކޫލްތަކުންނާއި އޮފީސްތަކުންނާއި އެހެނިހެން ފަރާތްތަކަށް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި "ނަޞްރުގެ ފަސާނާ" ބަލައިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަނެކަމަށް ފުލުހުން ވިދާޅުވިއެވެ.