ޚަބަރު

މަސައްކަތުގެ މާޙައުލުގައި މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި


  • ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ވަނީ ތައުޒީޔާ ވިދާޅުވެފައި

މަސައްކަތުގެ މާޙައުލުގައި މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސްކުރެއްވީ، އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި މީހުންނަށް ތަޢުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ، އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ޢަލީ އަފްލާޙް ޢަބްދުﷲ އާއި މަސްޢޫދު ޙުސައިން ނިޔާވުމާއި ގުޅިގެން އެމީހުންގެ އާއިލާއާއި، އެމްޕީއެލްގެ ކުންފުނީގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ނިޔާވި މީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ވަނީ ދުއާކުރައްވާފައެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ މަސައްކަތުގެ މިފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު މާލޭ ވިޔަފާރި ބަނަދަރު ކައިރިން ސަރަޙައްދާ ދިމާއިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގެ އެތެރޭ ތަހުޤީގެއް ފަށާފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މި ހާދިސާގައި ބަޔަކު ނިޔާވުމުގެ އިތުރުން، އިތުރު ބަޔަކަށް ވަނީ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދީފައެވެ.