ފުވައްމުލައް ސިޓީގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތަފްޞީލް ޙިއްސާކުރައްވައި، އެސިޓީއަށް މުހިންމުވެފައިވާ ހުރިހާ މަޝްރޫޢެއް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުދެއްވައިފިއެވެ.
ފުވައްމުލައް ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެސިޓީގެ ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރަނީ ބޭރުގެ ފަންޑަކުންކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ސައުދީ ފަންޑުން އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި ސަޢުދީ ފަންޑުގެ ޕްރޮކިއުމަންޓުގެ ތެރެއިން އެއްވެސް މައްސަލައެއްނެތި ކުރިއަށްދާކަމަށާއި ކޮންސަލްޓަންޓެއް ނަގާ ކޮންޓްރެކްޓަރާ އެ މަޝްރޫޢު ހަވާލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރިއަށްދާނެކަމަށެވެ.
އަންނަ އަހަރުގެ މެއި ޖޫންއާ ހަމައަށްދާއިރު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމާ ހަމައަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފެށުމުގެ ކުރިން ހޮސްޕިޓަލުން ދެވެން ހުރި އެހެނިހެން ޚިދުމަތްތައް ދޭން ފަށާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ސީޓީ ސްކޭންގެ ޚިދުމަތް ފަށާފައިވާކަމަށާއި މެމޮގްރަފީ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު ހަމަޖެހިފައިވާކަމަށެވެ. އަދި އެމްއާރްއައި ޚިދުމަތް ދިނުމާއި ޑީކޮމްޕްރަޝަން ޗެމްބަރެއް ޤާއިމްކުރުމަށްޓަކައި ބަޔަކާ ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
"މެކްސިމަމް 3 ވަރަކަށް މަސް ވާނީ އެމްއާރްއައި ސާމާނު ގެނައުމަށް. އެއީވެސް މާދުރުނޫން ހިސާބުގައި އަންނާނެކަންތައްތައް. ނަމަވެސް އިމާރާތުގައި އިތުރުކުރަން ޖެހޭ ޖާގަ ބޭނުންވާނެ. އަޅުގަނޑަށް އަންދާޒާކުރެވެނީ އެއީވެސް ނިންމާނެ ކަންތައްތަކޭ. އެހެންވީމަ ފުލް ޓާޝަރީ ބިލްޑިންއެއް ޤާއިމްކުރުމަށް ސައުދީ ފަންޑުން ހަމަޖެހިގެން އަމަލީ މަސައްކަތަށް ދިއުމުގެ ކުރިންވެސް މިހުރީ އެމްއާރްއައި ޤާއިމްކުރުން، ޑީކޯޗެންބަރު ޤާއިމްކުރުން، މެމޮގްރަފީ ޚިދުމަތް. އަދިވެސް އިތުރު ޚިދުމަތް ގެނައުމަށްޓަކައި އިމާރާތުން ޖާގަ ލިބޭ އެންމެ ފުޅާމިނެއްގައި ކުރުމަށް މިއޮތީ ހަމަޖެހިފައި. މި ސިޓީގެ ސިއްޙީ ޚިދުމަތް އަޅުގަނޑު ވަޢުދުވިފަދައިން އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބޭ ހޮސްޕިޓަލަކަށް ވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ފެށި 400 ހައުސިން ޔުނިޓްގެ މަސައްކަތުގެ އިތުރަށް މިއަދު ސޮއި ކުރި 75 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަކީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި 500 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ. އަދ ކުރިއަށް އޮތް 2 އަހަރަށް ބަހާލައިގެން ވަޢުދުވިގޮތަށް 500 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކުގައި ތަަރައްޤީކުރާ އޮފީސް ކޮމްޕްލެކްސް އިމާރާތަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް ވަރަށް މުހިއްމު މަޝްރޫޢެއްކަމަށެވެ. ޚިދުމަތްތައް އެކި ތަންތަނުގައި ދިނުމުގެ ބަދަލުގައި ޒަމާނީ ބޮޑު އޮފީސް ކޮމްޕްލެކްސްގެ ތެރޭގައި ޚިދުމަތްތައް ދިނުމަކީ ރަައްޔިތުން އެދިވަޑައިގަންނަވާ ގޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަނދަރުގެ މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ އެ މަޝްރޫޢުއަކީވެސް ރަށަށް މުހިއްމު މަޝްރޫޢުއެއްކަމަށެވެ. މިގޮތުން މިހާރު އެރަށުގައި އޮތް ބަނދަރާ ގުޅުވައިގެން އައު ބަނދަރެއް ތަރައްޤީވާނެކަމަށާއި އެ މަސައްކަތް ކުރަނީ ދިރާސާކޮށް ކަމާބެހޭ ކޮންސަލްޓަންޓް ވަރަށް ގިނަ އިރު މަސައްކަތް ކޮށްގެންކަމަށެވެ.
"ބަނދަރު މަޝްރޫޢު ވެގެންދަނީ ބަނދަރުގެ ދަތިކަމަަށް ވަރަށް ބޮޑު ފުރިހަމަ ހައްލެއް ލިބިގެން އަންނާނެކަމަކަށް. މި ސިޓީއަކީ ދީނީ ރޮނގުން ވަރަށް ގިނަ ޚިދުމަތްތަކެއް ކުރަމުންދާ ރައްޔިތުންތަކެއް އުޅޭ ރަށެއް. އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތަކީވެސް ހަލުވި ސްޕީޑްގައި ކުރިއަށްދާނެ މަޝްރޫޢުއެއް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ފުވައްމުލައްސިޓީ ކުރިއަރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިކޯ ޓުއަރިޒަމްއާއި ސިޓީ ހޮޓެލް ތަރައްޤީކުރުމުގެ މަޝްރޫޢުއަކާއެކު ރައްޔިތުންނަށް ސީދާ އޭގެ ނަފާ ލިބިގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ ސްޕޯޓްސް ކޮމްޕްލެކްސްއަކީ ކުޅިވަރުގެ ރޮނގުން ފުވައްމުލައް ސިޓީ ތަރައްޤީކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްވެސް ނިމިގެންދާއިރު ފުވައްމުލައްސިޓީގެ ހުރިހާ މަގުތަކެއް ތަރައްޤީވާނެކަމަށެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ފުވައްމުލައް ސިޓީގައި ވަޤުފު އިމާރާތް ތަރައްޤީކުރުމަށާއި އިންޑިއާގެ ލޯނުގެ އެހީގައި ސިންތެޓިކް ޓްރެކްއެއް ތަރައްޤީކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ކަރަންޓުގެ މައްސަލަ ހައްލުކުުރުމަށްޓަކައި 1.2 މެގަވޮޓުގެ އިތުރު ޖެންސެޓެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެ ޖެންސެޓް ރަމަޟާންމަހުގެ ކުރިން ގެނެސް ޚިދުމަޔް ދޭންފެށުމުން ކަރަނޓުގެ މައްސަލައަށް އެކލަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ސޯލާއިން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެއާޕޯޓުގެ ޓާމިނަލް ޒަމާނި ފެންވަރަށް ތަރައްޤިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް އެމްއޭސީއެލްއިން ފައްޓަވާނެކަމަށް ވިދާޅުވިއެވެ.