ޚަބަރު

ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ރައީސް އަޅުއްވާނެ: ވަޒީރު ނާޡިމް


  • ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވުމަކީ ރައްޔިތުންގެ ބޮޑު އެދުމެއް

  • ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކޮށްފައިވޭ

އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރަން އެޅި ފިޔަވަޅުން ދޭހަކޮށްދެނީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާނެކަން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްޑޫ ހުޅުދޫ އަދި މީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރައްޔިތުން އަބަދުވެސް އެންމެ ބޮޑަށް އެދެމުންދާކަމަކީ ޞިއްހީ ނިޒާމު ރަނގަޅުވެ، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވުން ކަމަށެވެ. މިކަންކަމަށް ފައިސާ ފަހިކުރުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅުއްވާފައިވަނީ ޞިއްހީ ދާއިރާއަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ޞިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރުމަށް ނިންމި ފުރަތަމަ ޤައުމަކީ ރާއްޖެކަމަށާއި މިއީވެސް ރައްޔިތުންގެ ދުޅަހެޔޮކަމަށް ރައީސް ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ. އަދި މިކަމުން ދޭހަކޮށްދެނީ ރައީސްގެ ހިތްޕުޅުގައި ޞިއްޙީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އޮތް ލޯތްބާއި އެކަމަށް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކޮށްލެވެނީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ހިތްވަރުގަދަ އަދި ކުރިން އެއްވެސް ވެރިއަކަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. އަންނަ އޮތް ޖީލުތަކަށް ދުންފަތް މަނާކުރުމުގެ އިތުރުން އެމަނިކުފާނު ވަނީ ސިނގިރޭޓް ބޭނުންކުރުން ހުއްޓުވުމަށް ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީވެސް ބޮޑުކޮށްފައެވެ. އަދި ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން ޤާނޫނުން ވަނީ މަނާކޮށްފައެވެ.

ރައްޔިތުންގެ މެދުގައި ދެވިހިފައިވާ ޞިއްޙީ ގޮތުން ނުރައްކާހުރި މި އާދަތައް ދިވެހި މުޖުތަމަޢުން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާފައިވާ މަސައްކަތްތަކަށާއި އަޅުއްވާފައިވާ ފިޔަވަޅުތަކަށް ބޭރުގެ މީޑިއާތަކުންނާއި ޞިއްޙީ ޖަމިއްޔާތަކުން ވަނީ އެކަންކަން ފާހަގަކޮށް ތަޢުރީފުކުރައްވާފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ އެވޯޑެއްވެސް އަރުވާފައިވެއެވެ.