ޚަބަރު

ޚިޔާލު ހޯދުމުގެ ވޯޓުން ދޭހަކޮށްދެނީ ރައްޔިތުން ބާރުވެރިކުރުމަށް ރައީސްދެއްވާ އަހަންމިއްޔަތު: އާދަމް ޝަރީފް


  • މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށްގެންދިއުން

  • ޚިޔާލު ހޯދަން ވޯޓު ނެގުމަކީ ރައްޔިތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ނަތީޖާ

އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމުން ދޭހަކޮށްދެނީ ރައްޔިތުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްޑޫ ހުޅުދޫ އަދި މީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށްގެންދިއުން ކަމަށެވެ. މިކަން ދޭހަކޮށްދެނީ އައްޑޫ ހުޅުދޫ އަދި މީދޫ ރައްޔިތުންގެ އެދުމުގެ މަތިން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، ދެ ރަށަށް ވަކި ކައުންސިލްތަކެއް ކަނޑައެޅުމަށް ޤަރާރަކުން ރައީސް ޑރ. މުޢިއްޒު ނިންމެވުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ރައްޔިތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ނަތީޖާއަކީ ރައްޔިތުންގެ ފުރިހަމަ ތާޢީދު ސަރުކާރަށް ލިބުންކަމަށާއި އެކަން ރަށްރަށަށް ރައީސް ވަޑައިގެންނެވުމުން ދަންނަވާ ހޫނު މަރުޙަބާތަކުން ދޭހަކޮށްދޭކަމަށް ވަޒިރު ވިދާޅުވިއެވެ.

އައްޑޫގެ ބައެއް ރަށްރަށުގެ ރައްޔިތުން ވަނީ ސިޓީ ކައުންސިލުން ވަކިވެ، ރަށްރަށަށް ވަކި ކައުންސިލްތަކެއް ބޭނުންވާކަން ފާހަގަކޮށް އެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދަންނަވާފައެވެ. އެ އެދުމާ އެއްގޮތަށް އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓެއް ނެގިއެވެ. އެ ވޯޓުގައި ހުޅުދޫ އަދި މީދޫ ރައްޔިތުންގެ އަގުލަބިއްޔަތު ވޯޓުދިނީ ކޮންމެ ރަށަކަށްވެސް ވަކި ކައުންސިލެއް ބޭނުންވާކަމަށެވެ.

ރައްޔިތުން ބޭނުންވާ ގޮތް ފާޅުކުރުމާއެކު އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލުތައް ގެނެސް، އެ އަތޮޅުގެ ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކިކޮށް، ވަކި ކައުންސިލްތައް އުފައްދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަރާރަކުން ވަނީ ނިންމަވާފައެވެ. މިގޮތުން އުފެދޭ ފުރަތަމަ ހުޅުދޫ އަދި މީދޫ ކައުންސިލް އިންތިޚާބުކުރާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރެއިންނެވެ.