އައްޑޫ އަތޮޅު ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލައި ބުރިޖުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ވަޢުދުވެފައިވާ ކަންކަން އަމާނާތްތެރިކަމާއެކު އެ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މަޝްރޫޢުތައް ވެސް ހަލުވިކަމާއެކު ކުރިއަށްގެންދިޔުން ކަމަށެވެ. އެގޮތުން ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތަށް މިހާރު ފައިސާ ހަމަޖެހިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސްކޫލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއި މަގު ހެދުމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބާރަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ހުޅުދޫގައި ހުރި ފެކްޓްރީގެ ޖާގަ އިތުރުކުރުމަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުދޫ އަދި މީދޫގައި އިތުރު މަޝްރޫޢުތައް ކުރިއަށްގެންދިއުން. ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދިނުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ އަތޮޅު ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލައި ބުރިޖުގެ މަސައްކަތަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީއާއެކު ޑިޒައިނެއް ހެދުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ހަވާލުކޮށްފައިވާކަމަށާއި ޑިޒައިންގެ މަސައްކަތް ނިމުމާއެކު ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިޒައިނިންގެ މަސައްކަތް ހަވާލުކުރީ 6 މަސް ދުވަހުން ނިންމާ ގޮތަށް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ މާރޗް ނުވަތަ އޭޕްރީލް ހިސާބުގައި އެ މަސައްކަތް ނިމުމުން ބުރިޖުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރައްވާނެ ކަމަށެވެ.