ކުޅިވަރު

އައްޑޫ ސިޓީ މަރަދޫ ފޭދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި


  • މިއީ އާރްޑީސީއާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެއް

  • މިތަންތަން ފަރުމާކޮށްފަވަނީ ކަސްރަތުކުރާނެ ސްޓޫޑިއޯތަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް

  • ފިޓްނެސް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާޢީ ގުޅުންތައް ބަދަހިވެގެންދާނެ

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި އަލަށް ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މިމަޝްރޫޢަކީ ސަރުކާރުގެ ފަރާތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޙަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވާފަވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. އަދި މިރަސްމިއްޔާތުގައި އެދާއިރާގެ މަޖްލިސް މެމްބަރާއި އައްޑޫ ސިޓީ މަރަދޫފޭދޫ ކައުންސިލުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް ސެންޓަރުތައް ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުން ފައްޓަވާފަވާއިރު، މަރަދޫ ފޭދޫގައި ގާއިމުކުރެވޭ މި ސެންޓަރުވެސް ވެގެންދާނީ ރަށުގެ ކުދިބޮޑު އެންމެންނަށް އެއްތާކުން ގިނަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ތަނަކަށެވެ. މިތަން ފަރުމާކުރެވިފަވަނީ ކަސްރަތުކުރުމަށް ޚާއްސަ އިންޑޯ ޖިމްއާއި އެރޮބިކްސް ސްޓޫޑިއޯއެއް ހިމެނޭހެން އެކި ކަހަލަ އިންޑޯ ކުޅިވަރުތައްވެސް ކުޅެވޭނެ ފަދަ ގޮތަކަށެވެ.

އަލަށް ގާއިމުކުރެވިގެންދާ ފިޓްނެސް ސެންޓަރުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިޖްތިމާއީ ގުޅުންތައް ވަރުގަދަވެގެންދާއިރު، މިތަންތަން ވެގެންދާނީ އާންމު ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅާނެ ވަސީލަތަކަށެވެ.