ޚަބަރު

މެންޗެސްޓަރ ސިޓީ މޮޅުވެ ހަތަރުވަނަ އަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބްރޯޝިއާ ޑޯޓްމަންޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށް ތާވަލުގެ ހަތަރުވަނަ މަގާމް ހޯދައިފި އެވެ.

މި ނަތީޖާ އާއިއެކު ސިޓީ އަށް ވަނީ ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޖުމްލަ 10 ޕޮއިންޓާއެކު ހަތަރުވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ބަޔާން މިއުނިކަށް 12 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ދެވަނަ އަދި ތިންވަނައިގައި އޮތް އާސެނަލް އާއި އިންޓަރ މިލާނަށްވެސް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

މި މެޗުން ބަލިވި ޑޯޓްމަންޑް އަށް ހަތަރު މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެ ޓީމު އޮތީ 14 ވަނައިގަ އެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 22 ވަނަ މިނިޓުގައި ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ސިޓީ އަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

ހާލަންޑް މި މެޗުގައި ޖެހި ލަނޑާއެކު މި ސީޒަނުގައި އޭނާ ކްލަބަށާއި ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 27 އަށް އަރާފަ އެވެ. މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއަކަށް މި ސީޒަނުގައި ލަނޑު ޖެހިފައިވާ އަދަދެއް ނޫނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ފޯޑެން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ބޮރޫޝިޔާ ޑޯޓްމަންޑް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި ވަލްޑެމަރ އެންޓަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ރަޔާން ޗަރކީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.