ޚަބަރު

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ވަޞީލަތްތައް މަދުކުރަނީ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިރާނާއެކު އޮތް ހަމަނުޖެހުންތައް ޙައްލުކޮށް، ސުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމަކަށް އާދެވިއްޖެނަމަ، މެދުއިރުމަތީގައި ދާއިމީކޮށް ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ އަދި ޖާސޫސީ ވަޞީލަތްތައް މަދުކުރުމާ ގުޅޭގޮތުން ނުރަސްމީ މަޝްވަރާތަކެއް ފަށައިފިއެވެ.

އެމެރިކާގެ ސީއެންއެން ނޫހުން އެކި މަސްދަރުތަކާ ޙަވަލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، 11 ސެޕްޓެމްބަރު 2001 ގެ ހަމަލާތަކަށްފަހު އެމެރިކާއިން އެ ސަރަޙައްދުގައި ވަރުގަދަކުރި އަސްކަރީ އަދި ޖާސޫސީ ޙަރަކާތްތަކަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

މިހާރުވެސް މެދުއިރުމަތީގައި އެމެރިކާގެ 50،000 އަށްވުރެ ގިނަ ސިފައިންނާއި، ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ ދެ މަނަވަރުގެ އިތުރުން، އަސްކަރީ 12 އަށްވުރެ ގިނަ އުޅަނދު ދަނީ ޙަރަކާތްތެރިވަމުންނެވެ.

އަންނަ އަހަރުގެ ކުރީކޮޅު އެ ސަރަޙައްދުގައިވާ އަސްކަރީ ވަޞީލަތްތަކަށް ބަދަލު ގެނެވިދާނެ ޕްލޭނެއް އެމެރިކާގެ އަސްކަރިއްޔާއިން އެކުލަވާލާފައިވީ ނަމަވެސް، ރަސްމީކޮށް އެކަމުގެ ޢަމަލީ ސިފައެއް ގެނައުމަށް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލުން ވަނީ ގަލްފުގެ ބައެއް ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މަދުކޮށް، ދިފާޢީ ޒިންމާތައް އެ ސަރަޙައްދުގެ ޤައުމުތަކާ ޙަވާލުކުރަން ބޭނުންވާކަން ހާމަކުރައްވައިފައެވެ.

އިރާނުން ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އޮތް ނުރައްކާ ހާމަވެފައިވާތީ، ބައެއް މަރުކަޒުތައް ބިންގަރާސްތަކަށް ބަދަލުކުރުމުގެ ފުރުޞަތުތައްވެސް އެ ވުޒާރާއިން ދަނީ ދިރާސާކުރަމުންނެވެ.

އީރާނާ އެކު ހިނގަމުންދާ ކުރިމަތިލުންތަކުގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭ ގެ މަރުކަޒެއް އެއްކޮށް ހަލާކުވެފައިވާއިރު، ބަހްރޭން، ޤަތަރު އަދި ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެހެންކަމުން، ބޮޑު ޚަރަދެއް ހިނގާނެތީ، ގެއްލުން ލިބިފައިވާ ބައެއް މަރުކަޒުތައް އަލުން މަރާމާތު ނުކުރުމަށް އެމެރިކާގެ ސަރުކާރުން ނިންމުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ދާއިމީ އަސްކަރީ މަރުކަޒުތަކެއް ބެހެއްޓުމުގެ ބަދަލުގައި، ވަކި ޚާއްސަ މިޝަންތަކަށް އެކަނި ސިފައިން ފޮނުވާ އުސޫލަކަށް ބަދަލުކުރުމާމެދުވެސް ދަނީ ވިސްނަމުންނެވެ.

އެ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މަރުކަޒުތައް މަރާމާތުކުރުން ބިނާވެގެންވަނީ މުސްތަޤުބަލުގައި އެ ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް ކުރިއަށްގެންދާނެ މިންވަރެއްގެ މައްޗަށެވެ.

އެމެރިކާއިން މިފަދަ ވިސްނުންތަކެއް ގެންގުޅުނު ނަމަވެސް، އިރާނާއެކު އަދި މިހާތަނަށް އެއްވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި އުރުދުންނާއި އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީ ގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިރާނުން ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.