ރާއްޖޭގެ ފިނިހޫނުމިން އާއްމު މިންވަރަށްވުރެ މައްޗަށްދާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުން، އަދި ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ފެންނާނެ އަލާމާތްތަކަށް ސަމާލުވެ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެ އޭޖެންސީން ވަނީ އެދިފައެވެ.
* ބޮލަށް އެނބުރުން އެރުން ނުވަތަ ހޭނެތުން
* ހަށިގަނޑުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުން (40°C ނުވަތަ އެއަށްވުރެ މަތިވުން)
* ހަންގަނޑު ރަތްވެ، އާދަޔާ ޚިލާފަށް ހޫނުވުން
* ވިންދު ޖަހާ މިންވަރު އަވަސްވެ، ނޭވާލާން އުނދަގޫވުން
* ލަސްނުކޮށް 100އަށް ގުޅައި ޞިއްހީ އެހީތެރިކަން ހޯދުން
* ހިޔާ ސަރަހައްދަކަށާާް ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުވުން
* ބާރު އަންނައުނެއް ލައިގެން ހުރިނަމަ ހަށިގަނޑު ފިނިކުރުމަށް ދޫއަންނައުނަކަށް ބަދަލުކުރުން
* ތެތް ފޮތިކޮޅަކުން ހަށިގަނޑުގައި ފިނިފެން އުނގުޅުން
* ހީޓް ސްޓްރޯކް ޖެހިފައިވާ މީހާއަށް އަނގަޔަށް އެއްވެސް އެއްޗެއް (ފެންވެސް) ނުދިނުން
* ހޭވެރިކަން ހުރިނަމަ ފެންފޮދެއް ދިނުން
މީގެއިތުރުން ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި، ގިނަގިނައިން ފެން ބުއިމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ލަފާކުރާނެ ކަމަށް މެޓް އޮފީހުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މެދުރާއްޖެތެރެއަށް އާންމުކޮށް ވާރޭވެހޭ ވަރަށްވުރެ އިތުރަށް މިތިން މަހު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ، އާއްމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މުޅި ރާއްޖޭގެ ހޫނުމިންވެސް ހުންނާނީ އާންމުކޮށް ހުންނަ ވަރަށްވުރެ މަތީގައި ކަަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.
އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކާއެކު ހޫނުމިން އިތުރަށް މައްޗަށް ދާނެ ކަމަށް ބެލެވޭތީ، ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން މިދުވަސްވަރު ޞިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.