ޚަބަރު

ރައީސް ޔާމީންގެ އެއްބާރުލުމެއް ނުލިބޭ، ޗިޓާއި ހަވާލުނުވި: ފުލުހުން


  • މައްސަލައިގެ އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވި

  • ސާބިތު ނުހިފޭ މަޢުލޫމާތު އާއްމުނުކުރުމަށް ފުލުހުން ޢިލްތިމާސްކުރެއްވި

އަލިފާން ރޯވި ހާދިސާގެ މަޢުލޫމާތު އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވެ، ތަހުގީގަށް ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގި ޗިޓާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.

ފުލުހުން އާއްމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވީ ކަރަންޓު ނަރުތަކެއްގައި ރޯވެގެން ކަމަށާއި އެމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މިމަހުގެ 5 ވަނަ ދުވަހު ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގައި، ސަރުކާރުގެ 3 ވުޒާރާ ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށް ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް ޔާމީން މީގެކުރިން ވިދާޅުވެފައިވަނީ، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި، އެކަމާއި ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރިކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ އެ ވާހަކަތަކަކީ ތަހުގީގަށް މުހިންމު ވާހަކަތަކަކަށްވާތީ، އެކަން ތަހުގީގުގެ ބޭނުމަށް ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ކުރީގެ ރައީސް ޔާމީން ހާޒިރުކުރަން މަސައްކަތްކުރައްވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމަހުގެ 7ވަނަ ދުވަހުގެ 18:40ހާއިރު ފުލުހުން ކުރީގެ ރައީސް ޔާމީން ދިރިއުޅުއްވާ ހެންވޭރު ދޫވެއްސަށް ގޮސް އެ މަނިކުފާނާއި ބައްދަލުކޮށް، ފުލުހަށް ހާޒިރުކުރުމަށް ފޮނުވި ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެ މަނިކުފާނު ޗިޓާއި ހަވާލުވެވަޑައިގެންފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ލިޔުމުން ފުލުހުންނަށް ޖަވާބު ދެއްވާފައިވެއެވެ. އެ ލިޔުމުގައި އެ މަނިކުފާނު ވިދާޅުވީ، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތްކަމަށެވެ.

ފުލުހުން ވަނީ ރައްޔިތުންގެ ހިތުގައި އެ މުޢައްސަސާއާއި މެދު ނުބައި ތަޞައްވުރެއް އުފެދޭ ގޮތަށް، ތަހުގީގުގެ އިތުބާރު ގެއްލޭގޮތަށް، ސާބިތު ނުހިފޭ މަޢުލޫމާތު އާއްމުކުރުމުގެ ބަދަލުގައި ޤާނޫނީ އިމުގެތެރެއިން ތަހުގީގަށް އެއްބާރުލުން ދިނުމަށް ޢިލްތިމާސްކުރައްވާފައެވެ.

ފުލުހުން މި މައްސަލައިގައި ކުރީގެ ރައީސް ޔާމީނާއި ސުވާލުކުރައްވަން މަސައްކަތް ކުރައްވާފައިމިވަނީ، މިމަހުގެ 5 ވީ ހޮނިހިރު ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ވިދާޅުވި މައްސަލަ ބައްލަވައިދެއްވުމަށް، ދާޚިލީ ވަޒީރު އަލީ އިޙްސާން ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވަނިކޮށެވެ.