ޚަބަރު

ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި


  • މި ކޭމްޕު ކުރިއަށް ގެންދިޔައީ މިމަހުގެ 2 އަދި 3ގައި

  • ބެޗުގެ ދަސްވެނިވުން އޮންނާނީ މިމަހު 19ގައި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަރާތުން ކުރިއަށްގެންދާ، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ފީލްޑް ކޭމްޕް ކަމުގައިވާ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިހުގެ 2 އަދި 3 ވަނަ ދުވަހުއެވެ. މި ކޭމްޕަކީ ބައިވެރިން އާންމުކޮށް ތަމްރީނު ހޯދާ މާހައުލުން ބޭރުގައި، ދިރިއުޅުމުގެ އެކި ހާލަތްތަކާ އަމިއްލައަށް ކުރިމަތިލުމުގެ ހުނަރު އަށަގެންނެވުމުގެ މުހިންމު މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ކޭމްޕުގެ ތެރެއިން ކުރިއަށްގެންދިޔަ ޓީމް ބިލްޑިންގ ހަރަކާތްތަކުގެ ސަބަބުން، ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި ޒިންމާދާރުކަން އަށަގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަނީ އިތުރުވެގެން ގޮސްފައެވެ. މީގެއިތުރުން ދަތި އުނދަގޫ ހާލަތްތަކުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ހަރުދަނާ އަދި ޞައްޙަ ނިންމުންތައް ނިންމުމުގެ ޤާބިލުކަން ތަރައްޤީކުރުމުގެ އަގުހުރި ފުރުޞަތުތަކެއް ދަރިވަރުންނަށް ވަނީ ފަހިވެގެން ގޮސްފައެވެ.

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 3 ވަނަ ބެޗުގެ ދަރިވަރުން މިހާރު ގުނަމުންދަނީ މި ތަމްރީނު ޕްރޮގްރާމުގެ 13 ވަނަ ހަފުތާއެވެ. މި ބެޗުގައި 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 341 ދަރިވަރުން ދަނީ ތަމްރީނު ފުރިހަމަކުރަމުންނެވެ.

މި ބެޗުގެ ހުރިހާ ދަރިވަރުން ތަމްރީނުތައް ފުރިހަމަކުރުމަށްފަހު، ރަސްމީކޮށް ދަސްވެނިވުމަށް ހަމަޖެހިފައިވަނީ މިމަހު 19 ގައެވެ.