އެމްޑަބްލިއުއެސްސީއަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރެވުމާއެކު، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވާނެކަމަށް، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސްސީގެ ވިއްކާލާފައިވާ ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް އިއުލާނުކުރެއްވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެމްޑަބްލިޔުއެސްސީ އަކީވެސް ސަރުކާރަށް މުހިންމު ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ ސައްތަ އިންސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމުގެ މަސައްކަތްވެސް ފައްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި ބަދަލުތަކާއެކު، ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނަނެވެ. މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން އެ ކުންފުނިތައް ހިންގުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ވަނީ ނިންމަވާފައެވެ.
އެގޮތުން އެމްޑަބްލިޔުއެސްސީއަކީވެސް ރައްޔިތުންނަށް މުހިންމު ޚިުމަތްތަކެއް ފޯރުކޮށްދޭ އަދި ރަނގަޅު އާމްދަނީ ލިބޭ ކުންފުންޏަކަށް ވާތީ، އެ ކުންފުންޏަކީ %100 ސަރުކާރުގެ ޙިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
އެމްޑަބްލިއުއެސްސީއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ނިންމެވުމާއިގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ، އެ ކުންފުންޏަކީ ސަރުކާރުގެ %100 ހިއްސާ އޮތް ކުންފުންޏަކަށް ބަދަލުކުރެވުމާއެކު މަޝްރޫޢުތައް ހިންގުމަށާއި، މާލީ ގޮތުން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށެވެ.
އެމްޑަބްލިއުއެސްސީގެ %20 ހިއްސާ ތަމްސީލުކުރަނީ ހިޓާޗީ ކުންފުނިންނެވެ. އެހެންކަމުން ލޯނު ނެގުންފަދަ ކަންކަމުގައި ދަތިތަކާއި ކުރިމަތިވާކަން އެމްޑީ ފާހަގަކުރެއްވިއެވެ.
"މި ކުންފުނިން މިވަގުތު ބޮޑެތި ލޯނުތަކެއް ނެގޭކަށް ނެތް. ދައުލަތުން ދޭން ބެލިޔަސް އެހެން ބަޔަކު މީގެތެރޭގައި ތިބެންޏާ އެއީ އެހާ ފަސޭހަކަމަކަށް ނުވޭ. އެހެންވީމާ ސައްތައިން ސައްތަ ސަރުކާރު ކުންފުންޏަކަށްވީމަ އަޅުގަނޑުމެންނަށް އެބަހުރި ވަރަށް ބޮޑެތި ފައިދާތައް. މިސާލަކަށް ތިލަމާލެ ބްރިޖަށް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ވިއްސަކަ މިލިޔަން ޑޮލަރު ގާތްގަނޑަކަށް. އަޅުގަނޑުމެންގެ ކުންފުނީގެ 20މިލިޔަން ޑޮލަރުގެ އެސެޓް މޯގޭޖްކޮށްފައި ހިއެއްނުވޭ މީތި ނެގިދާނެހެން. އެހެންވީމަ އެންމެ ރަނގަޅުގޮތަކީ ސަރުކާރުން އިންވެސްޓްކުރަން މަގުފަހިވެވޭނެގޮތަކަށް މި ސްޓްރަކްޗަރ ބަދަލުކުރަން" އެމްޑީ ޙުސެއިން ފަހުމީ ވިދާޅުވިއެވެ.
އެމްޑީ ވިދާޅުވީ، ކުންފުންޏަށް މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތަކީ އެ ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުންކަމަށެވެ. އެ މަސައްކަތް ކުރެވުމުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެ، ކުންފުނީގެ އިންފްރާސްޓްރަކްޗަރއަށްވެސް ބަދަލުތައް ގެނެވޭނެކަމަށް ވިދާޅުވިއެވެ.