ދިވެހިރާއްޖެއާއި ޔުނައިޓެޓް އަރަބް އެމިރޭޓްސް، ޔޫއޭއީއާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތާރިޤު އިބްރާހީމް އެ ޤައުމުގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޓޫރިޒަމް، ޢަބްދުﷲ ބިން ތޫޤް އަލް މައްރީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޔޫއޭއީއާ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިކަމަށް ސަފީރު ވިދާޅުވިއެވެ.
I met with H.E. Abdulla bin Touq Al Marri, UAE Minister of Economy and Tourism, for wide‑ranging discussions on boosting bilateral trade and tourism, advancing shared economic interests, and exploring new pathways to further enhance the strong ties between the Maldives and the… pic.twitter.com/hWOJpjPqcW
— Thoriq Ibrahim (@Thoriqibrahim) September 7, 2026
މީގެ އިތުރުން، ދެ ޤައުމުގެ އިޤްތިޞާދީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށާއި، ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ބަދަހި ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދައްކަވާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ 7 މަސްދުވަހު ޔޫއޭއީން ރާއްޖެއަށް 8000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.