ކުޅިވަރު

ރެއާލް މެޑްރިޑް ގޮވައިގެން މޮރީނިއޯ ކުރީގެ ގެއަށް، މެޗު ހާއްސަވާނެ


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީގެ އިންޓަމިލާނާ ދެކޮޅަށް ކުޅޭ މެޗު ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ވަރަށް ހާއްސަ ވެއްޖެ އެވެ.

އިންޓަމިލާނަކީ އޭނާގެ ކޯޗުކަމުގައި 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމެވެ. އޭގެ ފަހުން އެ ޓީމަށް އަދި މި ތަށްޓެއް ކާމިޔާބު ނުވެ އެވެ. އިންޓަގެ މިހާރުގެ ކޯޗު ކްރިސްޓިއަން ޗިވޫ އަކީ އެ އަހަރު އޭނާގެ ކޯޗުކަމުގައި ކުޅުނު ކުޅުންތެރިއެކެވެ.

"އަހަރެން އުޅުނުއިރުގެ ގިނަ މީހުން މިހާރު ކުލަބުގައި ނެތް. އެކަމަކު މަދުބަޔަކު އެބަތިބި. އެ މީހުންނާ އަލުން ބައްދަލުވުމަކީ އުފަލެއް. އަހަރެން ބޭނުންވާނީ މޮޅުވާން. އެ މީހުން ވެސް ބޭނުންވާނީ މޮޅުވާން. ދެން ކުރިން ވިޔަސް މިހާރު ވެސް އިންޓަމިލާނަށް ހިދުމަތް ކޮށްފައިވާ މީހުން ބައްދަލުވުމަކީ ރަނގަޅު ކަމެއް. މެޗުގައި ކުރީގެ ފޮނި ކާމިޔާބީތަކުގެ މަތިން ހަނދާން ކުރާކަށް ވަގުތެއް ނުވާނެ،" މޮރީނިއޯ ބުންޏެވެ.

އިންޓަމިލާނުގެ ކޯޗު ޗިވޫ ވެސް ވަނީ މޮރީނިއޯ އަށް ތައުރީފް ކޮށްފަ އެވެ.

"މޮރީނިއޯ އަކީ ހާއްސަ މީހެއް. އަހަރެންނަށް ލިބޭ ޝަރަފެއް އޭނާއާ ބައްދަލުވުމަކީ. ދުނިޔޭގައި ވަރަށް މަދުވާނެ އެނާ ފަދަ ކޯޗުން. މި ކުލަބުގައި ވެސް އެހެން ބޮޑެތި ކުލަބުތަކުގައި އެނާ އެދަނީ ކާމިޔާބު ހޯދަމުން. އަހަރެން ޔަގީންކުރަން މިއީ ރެއާލް މެޑްރިޑަށް ރަނގަޅު ސީޒަނަށް ވާނެ ކަމަށް،" ޗިވޫ ބުންޏެވެ.

ސްޕެނިޝް ލީގުގައި ރެއާލް ވަނީ އެންމެ ފަހުން ކުޅުނު މެޗުން ބަލިވެފަ އެވެ. ރެއާލް ބެޓިސް އަތުން ބަލިވީ 1-0އިންނެވެ. އެ މެޗަށް އިޝާރާތްކޮށް މޮރީނިއޯ ބުނީ އެ މެޗުގައި ވެސް މޮޅަށް ކުޅުނީ ރެއާލް ކަމަށާއި އެފަދައިން މޮޅަށް ކުޅެ ބަލިވާން ބޭނުންނުވާ ކަމަށެވެ.