ޚަބަރު

އަމިއްލަ ކުންފުނިތަކާ ޖުމުލަ 213 މަޝްރޫޢު، މިއަދު އެކަނިވެސް 206 މަޝްރޫޢު ހަވާލުކުރާނެ


  • 206 މަޝްރޫޢެއް މިއަދު ކުންފުނިތަކާ ހަވާލުކުރެވޭނެ

  • އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދެއްކުމުގެ މަސައްކަތް ދަނީ ކުރަމުން

ޖުމުލަ 213 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަމިއްލަ ކުންފުނިތައްވެސް ކުރިއަރުވައި އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން ގެނައުން ކަމަށެވެ. އެގޮތުގެ މަތިން ޖުމުލަ 213 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވޭނެ ކަމަށާއި މިއަދު 206 މަޝްރޫޢެއް ކުންފުނިތަކާ ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"213 މަޝްރޫޢުތަކުގެ ތެރެއިން 8 މަޝްރޫޢު މި ދަތުރުގައި ފުވައްމުލަކާއި އައްޑޫ އަތޮޅުގައި މި ސޮއިކުރީ. ޖުމުލަ 213 މަޝްރޫޢު ހަވާލުކުރެވޭނެ. ތަޢުލީމީ، ޞިއްޙީ، އަމަން އަމާންކަން، މަތީ ތަޢުލީމު، ޖުމުލަކޮށް ހުރިހާ ދާއިރާއަކުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން މަސައްކަތްކުރުވުމަށްފަހު މިދިޔަ ސަރުކާރުން ނުދީ އޮތް ފައިސާ ދެއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އަމާޒަކީ މި މަސް ނިމެންވާއިރަށް ފައިސާ ނުދައްކާ އޮތް ކުންފުނިތަކަށް ފައިސާ ދައްކާ ޚަލާސްކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ފައިސާއެއް ޗާޕުނުކޮށް، ހުރިހާ ދާއިރާއެއް ކުރިއަރާނެހެން މަޝްރޫޢުތައް ކުރިއަށްގެންދެވި، ދަރަނިތައްވެސް އަދާކުރަމުންދާ ކަމަށެވެ.

އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހަވާލުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ ސަބަބުން އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހި، ދިވެހި އެތައް ޢާއިލާއަކަށް ތަނަވަސްކަން ލިބުމުގެ މަގުފަހިވާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.