23 ވަނަ އޭޝިއާ މާސްޓާސް އެތުލެޓިކް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރަމުންދާ ހުސްނާ މުޙައްމަދު ލޯ މެޑައްޔެއް ހޯދައިފިއެވެ. އޭނާ މި މެޑަލް ހާސިލްކޮށްފަވަނީ ފަސް ހާސް މީޓަރު ދުވުމުގައި ވާދަކޮށްގެންނެވެ.
ދުވުމުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ހުސްނާ މިމުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ މާސްޓާސް އެތުލެޓިކްސްގެ ފަރާތުންނެވެ. މިމުބާރާތުގައި މާސްޓާސް އެތުލެޓިކްސްގެ ފަރާތުން 19 ފިރިހެން އެތުލީޓުންނާއި 4 އަންހެން އެތުލީޓުން ހިމެނޭ ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ.
މާސްޓަރސް އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާ (އެމްއޭއެފްއައި) އިންތިޒާމުކުރާ 23 ވަނަ އޭޝިއާ މާސްޓާސް އެތުލެޓިކް ޗެމްޕިއަންޝިޕަކީ ސަރަހައްދީ ބޮޑު މުބާރާތެކެވެ. މިމުބާރާތް ކުރިއަށް ދަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާ ހަމައަށް އިންޑިއާގެ ޓެމިލް ނާޑޫގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 22 ގައުމަކުން 3312 އެތުލީޓުންދަނީ ވާދަކުރަމުންނެވެ.
މިމުބާރާތުގައި ތައިލޭންޑަށް އުފަން 105 އަހަރުގެ އެތުލީޓަކުވެސް ވާދަކުރެއެވެ. 1920 ވަނަ އަހަރުގެ މޭމަހުގެ 8 ވަނަ ދުވަހު އުފަންވެފައިވާ ސަވަންގު ޖަންޕްރާމް މިމުބާރާތުގަ ވާދަކުރަނީ ފިރިހެނުންގެ 100 މީޓަރު ދުވުމުގައެވެ.