ޚަބަރު

ޚިޔާލު ފާޅުކުރުމަށް ފުރިހަމަ މިނިވަންކަން އޮތަސް، ނަފުރަތު އުފެއްދުން ބަލައެއްނުގަނެވޭނެ: ބަންޑާރަ ނައިބު


  • ދީނުގެ އަސްލުތަކާއި ޚިލާފުވާ ކަންކަމަށް ޖާގަ ނުދެވޭނެކަމަށް ވިދާޅުވި

  • ޤައުމުގެ ތަރައްޤީގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަމުންދާކަން ފާހަގަކުރެއްވި

ނަފްރަތު އުފެދޭ ގޮތަށް ދައްކާ އެއްވެސް ވާހަކައެއް ސަރުކާރުން ބަލައި ނުގަނެވޭނެކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށްގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު، ޔޫޕީއާރްގެ 4 ވަނަ ބުރުގައި ރާއްޖޭގެ ތަމްސީލް ކުރައްވާ ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު ވަނީ ރާއްޖެއިން ހައްޤުތަށް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ. ބަންޑާރަ ނައިބު ވިދާޅުވީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އޮނިގަނޑުގެ އަސްލަކަށް އިސްލާމްދީން އޮންނަތާ 8 ގަރުނު ވެފައިވާއިރު މިކަން ދަމަހައްޓާ ޤާނޫނުތަކާއި އިދާރީ ހިންގުމުގައި ރާއްޖެއިން އިސްކުރާނީ އިސްލާމްދީނުގެ އަސާސްތައް ކަމަށެވެ.

ބަންޑާރަ ނައިބު ވަނީ ދިވެހިން އިޖްތިމާޢީ ފޭރާމާއި ދިވެހިން އަމިއްލަވަންތަކަން އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފުވާ އެއްވެސް ކަމަކަށް ޖާގަ ނުދެވޭނެ ކަމަށެވެ. އަދި އިންސާނީ ހައްގުތަށް ކަށަވަރުކުރާނީ، މި އަސާސީ އުސޫލުތަކާ އެއްގޮތަށް، ދުސްތޫރީ އޮނިގަނޑަށާއި، ބައިނަލްއަޤްވާމީ ގޮތުން ރާއްޖެ ބައިވެރިވާ މުޢާހަދާތަކަށް އިޙްތިރާމްކުރާ ގޮތަށް ކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.

އިސްލާމް ދީނުގެ އަސްލަކާއި ޚިލާފު ނުވާގޮތަށް ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހިކޮށްދީފައިވާކަން ފާހަގަކުރައްވާ ބަންޑާރަ ނައިބު ވިދާޅުވީ، ޤާނޫނު އަސާސީން ކޮންމެ ފަރުދަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްޤުތައް ސަރުކާރުން ހިމާޔަތްކުރާނެ ކަމަށެވެ. ނަމަވެސް މިގޮތަށް ކުރެވޭ ކަންކަމުގައި ޤައުމުގެ ހަމަޖެހުން ނަގާލައި، ނަފްރަތު އުފެދޭ ވާހަކަތަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނަފްރަތު އުފެދޭ ވާހަކަތަކަށާއި، އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކާއި އިޖްތިމާޢީ ޖަމިއްޔާޔާ ޖަމާޢަތަކަށް ބިރުދެއްކުން ބަލެއް ނުގަންނަން. އޮންލައިންކޮށް އަދި އެނޫންވެސް ގޮތްގޮތަށް މި ދެވޭ އިންޒާރުތައް ހުއްޓުވުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެބަ އޮވޭ. ނަފްރަތު އުފެދޭ ވާހަކަތަކަކީ ޖިނާޢީ ކުށެއް. އަދި ސައިބަރ ކްރައިމްއާއި ދެކޮޅަށް މަސައްކަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެކު ރައްކާތެރި އޮންލައިން މާހައުލެއް ފޯރުކޮށްދީ ޖަވާބުދާރީކުރެވޭނެ. އަދި ޤާނޫނުގެ ތެރެއިންވެސް އެނޫން ގޮތްގޮތުންވެސް އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިމާޔަތް ހޯދޭނެ " ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވަނީ ޝަރުޢީ ދައިރާއާއި އަދި އެހެނިހެން ބައެއް ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ބައެއް ކުރިއެރުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޝަރުޢީ ދައިރާގައި ހާސިލްކުރަން ކަނޑައަޅާފައިވާ ޤައުމީ އަމާޒަށްވުރެ އިތުރަށް އަންހެން ފަނޑިޔާރުން ހަރަކާތްތެރިވަމުންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ ސިޔާސަތެއް ޤައުމީ ފެންވަރެއްގައި ތަންފީޒުކުރަމުންދާކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރެވޭނެހެން ޤައުމީ ތަރައްޤީ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްދަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހިމެނިގެންކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. މިއާއެކު ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއެކު އަބުރުވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.