ކުޅިވަރު

ރިވައިވަލް ސްޕޯޓްސްގެ އިންޑޯ ބެޑްމިންޓަން ކޯޓު، ހިތްގައިމު ޒަމާނީ ކޯޓެއް


  • މިއީ ރާއްޖޭގައި އަމިއްލަ ފަރާތަކުން ހުޅުވި މިފަދަ ފުރަތަމަ ކޯޓު

  • މުސްތަގުބަލަށް ކުރާ އުންމީދަކީ މިފަދަ ކޯޓުތައް އަތޮޅު ތެރެއަށްވެސް ފުޅާކުރުން

  • ކޯޓު ބޭނުންކުރުމުގެ ފުރުސަތު އެންމެންނަށްވެސް ވަނީ ހުޅުވިފަ

ޖާގައިގެ ދަތިކަމުގެ މައްސަލައަކީ ރާއްޖޭގައި ކުޅިވަރުތައް ކުޅުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ދަނޑުތަކާއި ކޯޓުތައް މަދުވެފައި، މިތަންތަން ބޭނުންކުރާ ފަރާތްތައް އިންތިހާއަށް ގިނަވަމުން ދިއުމާ ގުޅިގެން ކުޅިވަރުތައް ކުޅުމަށް ފުރުސަތު ނުލިބިގެން ބައެއް ފަހަރު މަޑުކޮށްގެން ތިބެންޖެހުމަކީ ކުޅުންތެރިންގެ ޝަކުވާއެކެވެ. ރާއްޖެއަކީ ފެށުނީންސުރެ ކުޅިވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ތަނަކަށްވާއިރު ބައެއް ކުޅިވަރުތަކަކީ ޒަމާނުންސުރެ ކުޅެމުން އަންނަ ދިވެހިންގެ ތަރުހީބު ބޮޑު ކުޅިވަރުތަކެވެ. އޭގެ ތެރެއިން އެއް ކުޅިވަރަކީ ބެޑްމިންޓަންއެވެ.

ރާއްޖޭގައި މިކުޅިވަރު ކުރިއަރުވާ އައު އެތުލީޓުން އުފެއްދުމުގެ އަމާޒުގައި 2019 ވަނަ އަހަރު ވުޖޫދުވެގެން އައި ރިވައިވަލް ސްޕޯޓްސް ކުލަބަކީ އަދި ޅަފަތުގެ ދުވަސްތައް ގުނަމުންދާ ކުލަބެއްކަމަށްވިޔަސް، މިކުލަބުން އަންނަނީ ބެޑްމިންޓަން ދިރުވާ އާލާކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުސަތުތައް ހޯދައިދީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިދެމުންނެވެ.

އެގޮތުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރިވައިވަލްއިން އެންމެފަހު ހޯދާފައިވާ އެއް ކާމިޔާބީއަކީ އެކުލަބުގެ އަމިއްލަ އިންޑޯ ކޯޓެއް މާލޭގައި ހުޅުވުމެވެ. މިއީ މިގޮތަށް އަމިއްލަ ކުލަބަކުން އިސްނަގައިގެން ރާއްޖޭގައި މިހާތަނަށް ހުޅުވި ފުރަތަމަ ކޯޓުވެސްމެއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޖާގަ ތަނަވަސް މިކޯޓާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން އެކުލަބުގެ ޗީފް އޮޕަރޭޓިން އޮފިސަރ އަހުމަދު ޝާނިފް ބުނީ މިފަދަ ކޯޓެއް ހުޅުވުމުގެ އަމާޒަކަށްވީ ގިނަ ބަޔަކަށް ބެޑްމިންޓަން ކުޅުމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ.

"ކުލަބުގެ މެއިން ޓާގެޓަކަށްވެފަ އޮތީ މިކުޅިވަރުން ކުރިއަށްދާން ބޭނުންވެފަ ތިބި ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދަދިނުން" ޝާނިފް ބުންޏެވެ.

ރިވައިވަލް ވުޖޫދުވުމަށްފަހު މިވީ ހައެއްކަ އަހަރުދުވަހުގެ ތެރޭގައި ކުލަބު އިތުރަށް ތަރައްޤީކުރުމުގެ ވިސްނުން އަބަދުވެސް އޮތްކަމަށް އޭނާ ހާމަކުރިއެވެ. މިގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުލަބު އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލުމުގެ ވިސްނުން ގެންގުޅެމުން އައިކަމަށާ ހަތަރުވަރަކަށް އަހަރުގެ އިންތިޒާރަކަށްފަހު އެކަމަށް އެޅި ފުރަތަމަ ފިޔަވަޅަކީ މާލޭގައި މި ހުޅުވުނު އިންޑޯ ކޯޓުކަމަށް އޭނާ ފާހަގަކުރިއެވެ. ކުލަބެއް ހިންގުމަކީ ވަރަށް ގިނަ ޚަރަދު ހިނގާ ކަމަކަށްވެފައި އެކަމަށް ކުރެވުނު ރަނގަޅު އިންވެސްޓެއްގެ ގޮތުގައި ޝާނިފް މިކޯޓު ސިފަކުރިއެވެ.

"ކުލަބު އަމިއްލަ ފައިމައްޗަށް ތެދުވަން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކުލަބުގެ ހުރިހާ ފައުންޑިން މެމްބަރުންނާ އެންމެނަށްވެސް ވިސްނިފަ އޮތީ އަމިއްލަ ފެސިލިޓީއެއް އިނުމަކީ ވަރަށް މުހިންމުކަމެކޭ. ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ މިކަމަށް ޓްރައި ކުރާތާ. ދެން މިދިޔަ އަހަރު މިތަން ލިބިގެން މިހާރު މިފެންނަ ތަނަށް ހެދިފަމިވަނީ ވަރަށް ބުރަ މަސައްކަތުން" ކޯޓާ ގުޅޭގޮތުން އޭނާ ބުންޏެވެ.

ރިވައިވަލް އިންޑޯ ބެޑްމިންޓަން ކޯޓު ބޭނުންކުރުމުގެ ފުރުސަތު ވަކި އުމުރެއްނެތި އެންމެންނަށް ހުޅުވިފަވާއިރު މިތަނުން ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުލަބުގެ ކުޅުންތެރިން ޓްރެއިންކުރުމަށާ މުބާރާތްތަކުގައި ވާދަކުރުމަށްކުރަންޖެހޭ ހޭދަތަކަށްކަމަށް ޝާނިފް ބުންޏެވެ.

މިހާތަނަށް މިކޯޓަށް ލިބެމުން އަންނަ ތަރުހީބު ބޮޑުކަމަށް އޭނާ ފާހަގަކުރިއެވެ. ކޯޓު ބޭނުންކުރުމަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްއިރު ކުރިއަށް އޮތްތަނުގައިވެސް ތަނުގެ ޑިމާންޑު މަތިވާނެކަމަށް ގަބޫލުކުރާކަމަށް އޭނާ ފާހަގަކުރިއެވެ.

ރިވައިވަލް އިންޑޯ ބެޑްމިންޓަން ކޯޓު ބުކްކޮށްލުމުގެ ފުރުސަތު ރިވައިވަލްގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވިފަވާކަމަށް އޭނާ ބުނެފަވެއެވެ. އަދި ބުކިންގެ ކަންކަން ހަމަޖައްސާފަވާނީ ވީހާވެސް ގިނަ ފަރާތްތަކަށް ބުރޫ އެރުމެއްނެތި ޚިދުމަތް ދެވޭނެ ފަދަ ގޮތަކަށް ކަމަށް ޝާނިފް މައުލޫމާތުދީފަވެއެވެ.

އާންމުކޮށް އެންމެންނަށް ފުރުސަތު ހުޅުވިފަވާ ރިވައިވަލް އިންޑޯ ބެޑްމިންޓަން ކޯޓުން ކުޅިވަރު ކުޅުމަށް ބޭނުންކުރާ އެންމެހާ ތަކެތި ލިބެން ހުރެއެވެ. އޭގެ ތެރޭގައި ރެކެޓާއި ބޯޅަވެސް ހިމެނެއެވެ. ކޯޓު ބޭނުންކުރާ ފަރާތްތަކުން އިންޑޯ ބޫޓެއް ނުވަތަ ބެޑްމިންޓަން ބޫޓަކަށް އަރައިގެން ކޯޓު ބޭނުންކުރުމަށް ރިވައިވަލްއިން އެދެއެވެ. ސަބަބަކީ ކޯޓުގެ މެޓު ގިނަ ދުވަހު ހަލާކުވިޔަ ނުދީ ދެމެހެއްޓުންކަމަށް ޝާނިފް ބުނެފަވެއެވެ.

"ކޮންމެ އުމުރެއްގެ މީހެއްވެސް ހަމަ އައިސްފަ ސަކަރާތްޖަހާލަން ނުވަތަ ހެލްތީ ލައިފް ސްޓައިލްއަކަށް އުޅެން ބޭނުންވާ މީހާވެސް ހަމަ އެކުވެނި ކޯޓު ނުލިބޭ ތަނަކަށްވެފަ މިއޮންނަނީ. ވަރަށް އުނދަގޫވާނެ ހޯދަން. އެހެންވީމާ ހަމަ ކޮންމެ މީހަކަށްވެސް ބުކްކޮށްލައިގެން އައިސްފަ ކުޅެވޭ ގޮތަށް މިތަން މިއިންނަނީ ޑިޒައިންކޮށްފަ. ވަކި އޭޖެއް ނީންނާނެ" ޝާނިފް ބުންޏެވެ.

ޝާނިފް ބުނީ މުސްތަގުބަލަށް ކުރާ އުންމީދަކީ މިފަދަ އިންޑޯ ކޯޓުތައް އަތޮޅު ތެރޭގައިވެސް ތަރައްގީކުރުން ކަމަށާ އެހެންނަމަވެސް އެއީ އަދި ވަގުތު ނަގާނެކަމެއްކަމަށް އޭނާ ފާހަގަކުރިއެވެ. ނަމާދު ކޮޓަރިވެސް ހިމެނޭހެން ފަރުމާކޮށްފައިވާ ރިވައިވަލްގެ ކޯޓަކީ އެންމެނަށްވެސް ހުޅުވިފަވާ ތަނެއްކަމަށާ ބެޑްމިންޓަން މުބާރާތްތައްވެސް އެތަނުގައި ބޭއްވުމަށް މަރުހަބާ ކިޔާކަމަށް އޭނާވަނީ ބުނެފައެވެ. އަދި މިތަނަކީ ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ ފަރާތްތަކަށް އާއިލާ އާއި ރަހުމަތްތެރިން އެކުވެ އެކުވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ރަނގަޅު ތަނަކަށްވާނެކަމަށް ރިވައިވަލްއިން ދެކެއެވެ.