ޚަބަރު

އުރުބާނީގެ ތައުރީފު ކީޕަރު ހުސެއިނަށް


  • ޗައިނާ މެޗުގައި ހުސެއިންގެ ފަރާތުން ގިނަ ސޭވްތަކެއް ފެނިގެންދިޔަ

  • 10 ހަމަލާގެ ތެރެއިން 7 ހަމަލާ ހުއްޓުވީ ކީޕަރު ޙުސެއިން

ރާއްޖެއާއި ޗައިނާ ބައްދަލުކުރި ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުގައި ޤައުމީ ޓީމުގެ ކީޕަރު ޙުސެއިން ޝަރީފް ދެއްކި މޮޅު ކުޅުމަށް، ޤައުމީ ކޯޗު އިސްޓަވާން އުރުބާނީ ތައުރީފުކޮށްފިއެވެ.

މި މަހުގެ 24ވަނަ ދުވަހު ޗައިނާގައި އެ ޤައުމާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 0-3ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގެ 67 އިންސައްތަ ބޯލް ޕޮޒެޝަން ޗައިނާއިން ކޮންޓްރޯލްކުރި މި މެޗުގައި އެޓީމުން ވަނީ 24 ހަމަލާއެއް އުފައްދާފައެވެ. އޭގެތެރެއިން 10 ހަމަލާއެއް ވަނީ ގޯލާ އަމާޒުވާގޮތަށް ފޮނުވާލާފައެވެ.

މީގެތެރެއިން ތިން ހަމަލާއެއް ގޯލުގެ ތެރެއަށް ވަތް ނަމަވެސް، އެޓީމުން ފުލުފުލުގައި އުފައްދަމުން ދިޔަ ބާރު، ނުރައްކާތެރި ގިނަ ހަމަލާތަކަށް ރާއްޖޭގެ އިތުބާރު ކީޕަރު ވަނީ ހުށިޔާރުކަމާއެކު ހުރަސް އަޅާފައެވެ.

މި މެޗުގައި ތިން ފަހަރެއްގެ މަތިން ކީޕަރު ޙުސެއިނަށް ފަރުވާދޭން ސިއްޙީ އެހީތެރިން ދަނޑަށް އެރިއިރު، އޭނާއަށް އަނިޔާގެ އެއްވެސް މައްސަލައެއް ކުރިމަތިވިތޯ އަހައި "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ކޯޗު އުރުބާނީ ބުނީ އެފަދަ އެއްވެސް މައްސަލައެއް ނެތްކަމަށާއި ކުރިއަށް އޮތް މެޗުގައި ވެސް ރާއްޖޭގެ ގޯލު ބެލެހެއްޓުމާ ހަވާލުވެ ހުންނާނީ ހުސެއިން ކަމަށެވެ.

އަދި ޗައިނާ މެޗުގައި ރާއްޖެ ކޮޅަށް ގިނަ ލަނޑުތަކެއް ޖަހަން އެޓީމަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް، ތަފާތު ބޮޑު ފަރަގަކުން ރާއްޖެ ބަލިނުވުމުގައި ކީޕަރު ހުސެއިން އަދާކުރި ދައުރު ބޮޑުކަމަށް ކޯޗު ބުންޏެވެ.

ކޯޗު އިތުރަށް ބުނީ، ބައިނަލްއަގްވާމީ ބްރޭކުގައި ކުޅެންޖެހޭ މެޗުތަކަށް ޓީމު އެކުލަވާލުމުގެ ހަފްތާއެއްހައި ދުވަސްކުރިން ހުސެއިނާ ބައްދަލުކޮށް، މިވަގުތު ރާއްޖޭގެ އެއް ނަމްބަރު ކީޕަރަކީ އޭނާކަމަށް ބުނި ކަމަށާއި، އެ ޒިންމާއާ ހަވާލުވުމަށް ތައްޔާރުވާން ބުނި ކަމަށެވެ. އަދި ހުސެއިން ފަދަ ޒުވާން، ހުނަރުވެރި ކީޕަރަކަށް ބޭނުންވަނީ "ކޮންފިޑެންސް" ކަމަށާއި މި މެޗުތަކުގައި އޭނާއަށް ކޮންފިޑެންސް ހޯދައިދޭން ފުރުސަތު ދޭނެކަމަށް އުރުބާނީ ބުންޏެވެ.

ބައިނަލްއަގްވާމީ ބްރޭކުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ކިރްގިސްޠާނާ ދެކޮޅަށެވެ.