ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ %75 މަސައްކަތްނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. 4 ޓަވަރެއްގައި ހަރުކުރި އައު ލިފްޓުތައް މިހާރު އާންމުންނަށް ބޭނުންކުރެވެހޭނެހެން ހުޅުވާލާފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ، ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މުޅި މަޝްރޫޢުގެ %75 މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި އެންމެ އަވަހަށް ދެން ޚިދުމަތް ފަށާނީ ޓަވަރު 5 އަދި 6 ގައިކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ، ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހުރިހާ ޓަވަރެއްގެވެސް މައިގަނޑު މަސައްކަތްތައް ނިމިފައިވާކަމަށެވެ. އެގޮތުން ހުރިހާ ޓަވަރެއްގައިހެން %50 އިންސައްތައަށްވުރެ ބޮޑުބައެއް މިހާރު ނިމިފައިވާކަން އެ ކޯރޕަރޭޝަނުން ފާހަގަކުރައްވައެވެ.
• ޓަވަރު ،4 1،2،3: %100 ނިމިފައި
• ޓަވަރު 5: %93 ނިމިފައި
• ޓަަވަރު 6: %92 ނިމިފައި
• ޓަވަރު ،8 7:%75 ނިމިފައި
• ޓަވަރު 9: %73 ނިމިފައި
• ޓަވަރު 10: %69 ނިމިފައި
• ޓަވަރު 11: %68 ނިމިފައި
• ޓަަވަރު 12: %65 ނިމިފައި
• ޓަވަރު 13: %52 ނިމިފައި
• ޓަވަރު 14: %51 ނިމިފައި
• ޓަވަރު ،16 15: %50 ނިމިފައި
ހިޔާގެ ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. ހިޔާގެ ފްލެޓްތަކުގައި މިހާރު ހުންނަނީ ލިފްޓެއްގައި 3 ނުވަތަ 4 ލިފްޓެވެ. މި 16 ޓަވަރުގައި އިތުރަށް ޖުމްލަ 32 ލިފްޓް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަލަށް ބަހައްޓާ ލިފްޓްތަކަކީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން މިލިފްޓުތަކުގައި ފްލޯ ނަމްބަރު ބްރެއިލްއިންވެސް ހުންނާނެއެވެ. ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ.
ހިޔާ މަޝްރޫޢުގައި 6720 ހައުސިން ޔުނިޓް ހިމެނެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕަރޓުމަންޓު ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ.