މަސްވެރިކަމަކީ އެތައް އާއިލާއެއް އާމްދަނީ ހޯދުމަށް ބަރޯސާވާ މަސައްކަތެކެވެ. މިއާއެކު މި ދާއިރާގައި ހުރި ފުރުސަތުތައް ފަހިކޮށްދީ، މަސްވެރިންނަށް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވައެވެ.
މި ދާއިރާ ކުރިއެރުވުމުގައި ސަރުކާރުން ގެންދަވަނީ މަސްވެރިންނާއި ގުޅިގެން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްތަކުރަމުންނެވެ. މަސްވެރިންގެ ޝަކުވާތަކަަށް އިޖާބަދީ، ޒަމާންވީ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންޓުތައް ދަނީ ޤާއިމްކުރަމުންނެވެ.
އައިސްޕްލާންޓުތަކަކީ މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ބާޒާރަށް ފޯރުކޮށްދޭ މަގެވެ. މަސްވެރި މޫސުމުގައި އައިސްޕްލާންޓުތަކަށް އޮންނަ ޑިމާންޑު ވަކިން ބޮޑެވެ. އައިސް ލިބޭނެ ރަށެއް ކައިރީގައި ނެތް ނަމަ ދުރަށް ދުއްވަން ޖެހުމަކީވެސް ތެލަށް ކުރަންޖެހޭ ހޭދަ އިތުރުވާކަމެކެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހިކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސް ޕްލާންޓުތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ހަލާކުވެފައި ހުރި އައިސް ޕްލާންޓުތައް މަރާމާތުކޮށް އަލުން އޮޕްރޭޝަނަށް ދަނީ ގެންނަމުންނެއެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ، މަސްވެރިންނަށް އެންމެ ކައިރިން، އެންމެ ފަސޭހައިން އައިސް ލިބޭނެ ގޮތް ހެދުމެވެ. އައިސް ޕްލާންޓުތައް ޤާއިމްކުރުމުގެ އިތުރުން، މަސްވެރިކަމުގެ ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރެވޭނެ ޒަމާނީ ނިޒާމުތައް ޤާއިމްކުރުމަށްވެސް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.
މި ނިޒާމުތަކުގެ ސަބަބުން، ދޯނިތަކަށް އައިސް ބަރުކުރުމުގެ ބުރަ މަސައްކަތުން މަސްވެރިންނަށް ސަލާމަތްވާނެއެވެ. މިކަމުގެ ސަބަބުން މަސްވެރިންގެ ވަގުތު ސަލާމަތްވެ އިތުރަށް މަސްވެރިކަމުގައި ހޭދަކުރެވޭނެއެވެ. މަސްވެރިންގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބި، ބާނާ މަސް އިތުރަށް ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭނެކަމައެވެ.
ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަމުން ބައެއް މަސްވެރިން ފާހަގަކޮށްފައިވަނީ ފަސޭހައިން އައިސްލިބޭނެ ގޮތް ސަރުކާރުން ހަދައިދިނުމަކީ ލިބިގެންދާ ވަރަށް ބޮޑު ފަސޭހަކަމެކެވެ. އަދި އައިސް ހޯދުމަށް ދުއްވަން ހޭދަވާ ވަގުތު ކުޑަވެ، ކުރަން ޖެހޭ ހޭދަވެސް ކުޑަވާނެ ކަން މަސްވެރިން ފާހަގަކުރެއެވެ.
"އައިސް ޕްލާންޓު ޤާއިމްކުރުމަކީ ވަރަށް މުހިންމުކަމެއް. އަހަރުމެން މަސްވެރިނަށް މީ ވަރަށް ބޮޑު ފަސޭހައެއް. ކައިރި ހިސާބުތަކުގައި އައިސްޕްލާންޓު ހުރުމަކީ ކުރާ ދަތުރުތައް ކުރުވާނެކަމެއް" ބައެއް މަސްވެރިން ފާހަގަކުރިއެވެ.
މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް މަސްވެރިންނަށް މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.
އަދި ރާއްޖޭގެ ކޮންމެ އަތޮޅަކުން އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، "ފިއުލް ސްޓޯރޭޖްތައް" ގާއިމްކުރުމުގެ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގެ ހަތަރު ރަށަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.