ޚަބަރު

ފުވައްމުލައް، އައްޑޫގެ 35000 އާބާދީއަށް މުހިންމު ބޮޑެތި މަޝްރޫޢުތަކެއް


  • ފުވައްމުލަކުގެ މަގުތައް ތަރައްޤީކުރުމާއި ހައުސިންގ މަޝްރޫޢުއަކީ އެސިޓީއަށް މުހިންމު މަޝްރޫޢުތަކެއް

  • ޝަންގްރިއްލާ ރިސޯޓު ހުޅުވިގެން ދިޔުމަކީ އައްޑޫ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާކަމެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެންމެފަހުން ވަޑައިގަތް 2 މަންޒިލަކީ އައްޑޫ އަދި ފުވައްމުލައް ސިޓީއެވެ. މިދަތުރުފުޅުގެ ތެރެއިން 35000 މީހުންގެ އާބަދީއެއް ދިރިއުޅޭ މި ދެ ސިޓީގައި މުހިންމު ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ.

ރައްޔިތުންގެ ޙާލު ބައްލަވާ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވަމުންނެވެ. އެމަނިކުފާނު ވަނީ 1 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާފައެވެ. އެމަނިކުފާނު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެންމެފަހުން ވަޑައިގަތީ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އެދެސިޓީއިންވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މިދަތުރުފުޅުގައި ފުވައްމުލަކުގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރާއި، ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 5 ފަންގިފިލާގެ އިމާރާތުގެ ޢަމަލީ މަސައްކަތްވަނީ ފައްޓަވާފައެވެ. ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ސީޓީ ސްކޭން މެޝިންގެ ޚިދުމަތް ފައްޓަވާފައިވާއިރު، އެސިޓީގައި 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތްވެސްވަނީ ފައްޓަވާފައެވެ. އަދި އެސިޓީގައި ބީއެމްއެލްގެ ޑޮލަރު އޭޓީމްއަކާއި، މާދަޑު އަވަށުގެ ފުޓްސަލް ދަނޑުވެސްވަނީ ހުޅުވާދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫއިން އެންމެ ފުރަތަމަ ވަޑައިގަތީ ހުޅުދޫ އަދި މީދޫއަށެވެ. އެދެރަށުގައި ތަރައްޤީގެ މުހިއްމު މަޝްރޫޢުތައްވަނީ ފައްޓަވާދެއްވާފައެވެ. އެގޮތުން ދެރަށުގެވެސް މަގުހެދުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ. އަދި ހުޅުމީދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ބިންގާވަނީ އަޅާފައެވެ. އަދި ބީއެމްއެލްގެ ބްރާންޗްގެ ބިންގާ އަޅާފައިވާއިރު އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތްވަނީ ރަސްމީކޮށް ފައްޓަވާފައެވެ.

އައްޑޫއަށް ކުރެވި ދަތުރުފުޅުގައި ރައީސްވަނީ، ޝަންގްރިއްލާ ރިސޯޓަށް ވަޑައިގަންނަވާފައެވެ. އަދި ރިސޯޓު ހުޅުވުމަށް ކުރަމުންދާ މަސައްކަތް ބައްލަވާލައްވާފައެވެ. އަދި ގަމުގައި ހުންނަ އެމްއެންޑީއެފްގެ އެއަރ ސްޓޭޝަންވަނީ ހުޅުއްވާދެއްވާފައެވެ.

އައްޑޫ ސިޓީގެ ފޭދޫގައި، ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެރަށުގެ މިސްކިތުގެ ބިންގާވަނީ އަޅާފައެވެ. މީގެއިތުރުން ފޭދޫ މަގު ހެދުމުގެ މަޝްރޫޢާއި ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ. މަރަދޫފޭދޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވާފައިވާއިރު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވަނީ އަޅުއްވާފައެވެ.

ހިތަދޫގައިވެސް މުހިއްމު މަޝްރޫޢުތަކެއްވަނީ ހުޅުއްވާދެއްވާފައެވެ. އެގޮތުން ރީޖަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި އައްޑޫ ލިންކް ރޯޑު އަލުން ތަރައްޤީކުރުމާއި އައްޑޫ ސިޓީގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ. އަދި ހިތަދޫގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާވަނީ އަޅުއްވާދެއްވާފައެވެ. އަދި ހިތަދޫގެ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރުގެ ބިންގާވަނީ އަޅުއްވާދެއްވާފައެވެ. މިދަތުރުފުޅުގައިވަނީ އައްޑޫ އަދި ފުވައްމުލަކުގައިވެސް ނޭޝަނަލް ލައިބްރަރީގެ ގޮފިހުޅުވުމުގެ މަސައްކަތް ފައްޓާވާފައެވެ.

ދެދުވަހުގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ކައުންސިލްތަކާއި، އިދާރީގޮތުން ވަކިވެފައިވާ ހުޅުދޫ އަދި މީދޫގެ ކައުންސިލާއި އެދެސިޓީގެ ރައްޔިތުންނާވަނީ ބައްދަލުކުރައްވާފައެވެ.