ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ފެށިގެންދިޔަ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލަކީ، ގިނަބަޔަކު ޝާމިލުކޮށްގެން ފުޓްބޯޅައަށް އޮތް ޝައުގިވެރިންކަން ދެމެހެއްޓުމަށް ހިންގާ ހަރަކާތެއްކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާފަންނު ޓާފްގައި ކުރިޔަށް ގެންދާ ފެސްޓިވަލާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޠާރިޤް ވިދާޅުވީ މިހަރަކާތުގެ މަގްސަދަކީ ގިނަ ކުދިންތަކަކަށް އުފާވެރި ވަގުތުތަކެއް ފުޓްބޯޅައިގެ ތެރެއިން ހޯދައިދިނުން ކަމަށެވެ.
ޠާރިޤް ވިދާޅުވީ ފުޓްބޯޅައަށް 75 އަހަރު ފާހަގަކުރުމުގެ ގޮތުން ސީރީޒެއް ގޮތަށް އެކި ހަރަކާތްތައް މުޅި ރާއްޖޭގައި ހިންގުމަށް އެފްއޭއެމްގެ އަލަށް އިންތިހާބުވި އެގްޒެކެޓިވް ކޮމިޓީން ނިންމާފަވާ ކަމަށެވެ.
އެގޮތުން މާލޭގައި މި ފެށުނު ފުޓްބޯޅަ ފެސްޓިވަލާއެކު އަންނަ އަހަރުގެ ޖުލައި 26 އާއި ހަމަށް ފުޓްބޯޅަ ފެސްޓިވަލްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.
ގްރާސްރޫޓް ފުޓްބޯޅައަކީ އަސްލު ގިނަބަޔަކު ޝާމިލުވެގެން ކުޅުމުގެ ރޫހެއް އުފައްދާ ކުދިން މަޖާކޮށްލުމަށްޓަކައި ހިންގާ ހަރަކާތެއް ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ. ޠާރިޤް ވިދާޅުވީ މީގެ މުހިންމު ކަމަކީ ގިނަ ކުދިންތަކެއް ފުޓްބޯޅައިގެ ތެރޭގައި ޝާމިލުކުރުން ކަމަށެވެ.
"މިކުދިންނަށް ގިނައިން ކުޅެގެން މިކުދިން އެންޖޯއީކޮށްގެން މި ކުދިންނަށް އުފާވެރި ވަގުތުތަކެއް ދީގެން މުސްތަގުބަލުގައި އުމުރުފުރަ މައްޗަށް އަރައިގެން 14 އަހަރާއި ހިސާބަށްދާއިރު ދެން އަޅުގަނޑުމެން މި ބަލަންޖެހެނީ ކިހާވަރެއްގެ ކޮލިޓީއެއްތޯ ކުޅުންތެރިންގެ ހުރީ" ޠާރިޤް ވިދާޅުވިއެވެ.
މި ފެސްޓިވަލްގައި 18 އެކަޑަމީއަކުން 1500 އަށްވުރެ ގިނަ ކުދިން ބައިވެރިވާނެއެވެ. މިއީ 12 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ކުދިން ބައިވެރިކޮށްގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށިތާ މި އަހަރަށް 75 އަހަރު ފުރޭއިރު އެފްއޭއެމް އިން ވަނީ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ނަމުގައި ހާއްސަ ކޮމިޓީއެއް އެކުލަވާލާ އެކި ރަށްރަށުގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައެވެ.