ޚަބަރު

މި ފެސްޓިވަލަކީ ފުޓްބޯޅައިން ކުރިއަށްދާން އަޒުމު ކަނޑައަޅަން ލިބޭ ފުރުސަތެއް: ޒަރީރު


  • ޑައިމަންޑް ޖުބިލީ ފެސްޓިވަލަކީ ފުޓްބޯޅައަށް ވަރަށް މުހިންމު ކަމެއް

  • އުފާވެރިކޮށް އުޅޭނެ ވަގުތުތަކެއް ފުޓްބޯޅައިގެ ތެރެއިން ހޯދައިދިނުމަކީ އަބަދުވެސް ބޭނުންވާ ކަމެއް

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލަކީ ފުޓްބޯޅަ އާއި ދޭތެރޭ ކުޑަކުދިން ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެ ފުޓްބޯޅައިގައި ކުރިޔަށްދާން އަޒުމު ކަނޑައެޅުމަށް ކުޑަ ކުދިންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ ހަރަކާތެއް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.

ރަސްމީ ސިފައެއްގައި ރާއްޖޭގައި ފުޓްބޯޅަ ކުޅެންފެށިތާ 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ހިންގާ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ރަސްމީކޮށް ފެށި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޒަރީރު ވިދާޅުވީ މިއީ ފުޓްބޯޅައަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޒަރީރު ވިދާޅުވީ ފުޓްބޯޅައިގެ ޝައުގުވެރިކަން ހުރި ފުޓްބޯޅައިގެ ތެރޭގައި އުޅޭ ކުޑަކުދިންނަށް އެއްތަނެއްގައި މިހެން ކުޅެ އުފާވެރިކޮށް އުޅޭނެ ވަގުތުތަކެއް ފުޓްބޯޅައިގެ ތެރެއިން ހޯދައިދިނުމަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށެވެ.

މި ހަރަކާތް ކުރިޔަށްދާއިރު ގިނަ އަދަދެއްގެ ބެލެނިވެރިންވެސް ބައިވެރިވެ ވަރަށް އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި މި ފެސްޓިވަލް ކުރިޔަށްދާ ކަމަށާއި، މިއީގްރާސްރޫޓް ލެވެލްގެ ފުޓްބޯޅައަށް ވަރަށް މުހިންމު ކަމެއްކަމަށް ޒަރީރު ވިދާޅުވިއެވެ.

"މިތަނުގައިވެސް ވަރަށް ގިނަ ބެލެނިވެރިން އައިސް ވަރަށް ބޮޑަށް ކޮމިއުނިޓީ އިވެންޓެއް ގޮތަށް މިދަނީ. އެހެންވީމަ އަޅުގަނޑު ދެކެނީ މިއީ ފުޓްބޯޅައަށް ވަރަށް ރަނގަޅު ކަމެއް ކަމަށް. އަދި ހަމަ ފުޓްބޯޅަ އާއި ދޭތެރޭގައި މި ކުޑަކުދިން ދެކޭގޮތްވެސް ވަރަށް ބޮޑަށް ބަދަލުވެ ފުޓްބޯޅައިގެ މިއޮތް ފޯރިއާއި ފުޓްބޯޅައިގައި ކުރިޔަށްދާން ކުދިންނަށްވެސް ވަރަށް ބޮޑު އަޒުމެއް ކަނޑައަޅަން ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށް" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މި ހަރަކާތް މާލޭގައި ފެށިނަމަވެސް، ކުރިޔަށް އޮތްތަނުގައި މިކަހަލަ ފެސްޓިވަލްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ކުރިޔަށް ގެންދަން ރާވާފައިވާކަމަށެވެ.