އަތޮޅުތެރޭގައި ބާއްވާ މުބާރާތްތަކުން ޤައުމީ ފެންވަރުގެ އެތުލީޓުން އުފެދޭ ތަން ފެނުމަކީ ކުރައްވާ އުންމީދެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސް ވިދާޅުވީ މި އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ފުރިހަމަވާނެ އުންމީދެއްކަމަށް ގަބޫލުކުރައްވާކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަނީ އަތޮޅު ތެރޭގަ ހިންގޭ މިފަދަ މުބާރާތްތަކުން އަޅުގަނޑުމެން ގައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް އުފެދި ގައުމީ ފެންވަރުގަ އެކުޅުންތެރިން ފެނިގެން ދިއުން. މިއީ ގައުމީ ވިސްނުމަކުން އަޅުގަނޑުމެން ވިސްނާނަމަ އަޅުގަނޑުމެން ބޭނުންވާގޮތް. އިރާދަކުރެއްވިއްޔާ އެކަން މާދުރަކު ނޫން އޮތީ. އެކަން އަޅުގަނޑު ޔަގީންކުރަން" ނައިބު ރައީސް ވިދާޅުވިއެވެ.
ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށްފަހު ނައިބު ރައީސް އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިފަދަ މުބާރާތްތަކުގެ ސަބަބުން އެ އަތޮޅުގައި އެކުވެރިކަމުގެ ރޫހު އާލާވެފައިވާކަމަށެވެ. އަދި މިކަން މި ގޮތުގައި ދެމެހެއްޓުމަށް އެންމެންވެސް ގުޅިގެން މަސައްކަތްކޮށްދިނުމަށް އެމަނިފާނު އެދިވަޑައިގެންނެވިއެވެ.
ރާވެރިޔާ ވޮލީބޯޅަ މުބާރާތަކީ ހުވަދު އަތޮޅުގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން މިމުބާރާތުން ފެންނައިރު މިއަހަރުގެ މުބާރާތުން ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގެ މުހިންމު ކުޅުންތެރިންކަމަށްވާ ޝަމާއިލް، ހުޒާމް، ޝާމިލް، ނިލާމް( ޕާޓޭ) ފެނިގެން ދިޔައެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ވަނީ ކުޅެފައެވެ.