ޚަބަރު

ބޭނުންވަނީ އޮޑިޓް އޮފީހާއެއްގޮތަށް މަޖިލީހުން އޭސީސީއަށް ވަކި ބަޖެޓެއް ކަނޑައަޅަން: ޝާމިލް


  • ޝާމިލް ވިދާޅުވީ މިހާރު ހުށަހަޅުއްވާފައިވާ ބަޖެޓަކީ އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށް

  • އޭސީސީން ވަނީ 84.7 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ބުނެފައި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ބަޖެޓުވެސް މަޖިލީހުން ކަނޑައަޅުއްވަން ފެނިވަޑައިގަންނަވާ ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. ޝާމިލް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މާލީ ވުޒާރާއިން އެ ކޮމިޝަނަށް ކަނޑައަޅުއްވާފައިވަނީ 49.8 މިލިޔަން ރުފިޔާގެ ސީލިންގއެއް ކަމަށާއި ނަމަވެސް ބަޖެޓުގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ 47.3 މިލިޔަން ރުފިޔާ ކަމަށެވެ. މިއީ އެ ކޮމިޝަނަށް އެކަށީގެންވާ ބަޖެޓެއް ނޫންކަމަށާއި އެވަރުގެ ބަޖެޓަކުން މުވައްޒަފުންގެ މުސާރައާއި އޮފީސް ކުލި އަދި ހިންގުމުގެ ޚަރަދަށްފަހު އެހެން ކަންކަން ކުރުމަށް އެކަށީގެންވާ ފައިސާއެެއް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އޭސީސީން ބަލަމުންދާ މައްސަލަތައް އަވަސް ކުރުމަށް މިހާރުވެސް ސިޔާސަތުތައް ކަނޑައެޅިފައިވާ ކަމަށާއި އަންނަ އަހަރަށްވެސް ގިނަ ކަންކަން ރާވާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ބޭނުންވާ ބަޖެޓް ދެއްވައިފިނަމަ އަންނަ އަހަރުގެ ދެވަނަ ކުއާޓަރ ނިމުމުގެ ކުރިން ރަނގަޅު ނަތީޖާ ނެރެދެވޭނެ ކަމަށާއި ބޮޑެތި ތަހުގީގުތައް އަވަސްކޮށް، ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ޖިނާޢީ އިޖުރާއަތުގެ ތެރެއިން ފިޔަވަޅު އެޅި، ކުށްވެރިންނާމެދު ފިޔަވަޅު އަޅާތަން ފެނިގެންދާނެ ކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންނަކީ ފައިނޭންޝަލް އިންވެސްޓިގޭޝަނަށް ޖޮބް މާކެޓުން ރާއްޖޭގައި ލިބެން ވަރަށް މަދު އަދަދެއް. އެކްސްޕާޓް ލެވެލް ނޫނީ އެކަށީގެންވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް. އެކަމަކު އަޅުގަނޑުމެންގެ ތަހުގީގުތައް މުޅިންހެން މި ބައްޓަންކުރެވެނީ ފައިނޭންޝަލް ތަހުގީގުތަކަށް ކަމަށްވާތީވެ އަޅުގަނޑުމެންނަށް ވަރަށް މުހިންމު އެބޭފުޅުންނަށް ތަމްރީނުކޮށް އެކަށީގެންވާ ތަޖުރިބާ ހޯދައިދޭން. އެކަމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. އެކަން ރަނގަޅުކުރެވޭނެ އަޅުގަނޑުމެންނަށް މި ބަޖެޓާއެކު. އެއާއެކު އަންނާނެ ކޭސް ނިންމާ އަދަދަށް ބަދަލު" އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.

އޭސީސީން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަނަށް 84.7 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށެވެ. ޝާމިލް ވިދާޅުވީ އެހެން ބައެއް ޤައުމުތަކުގައިވެސް އެންޓި-ކޮރަޕްޝަން ކޮމިޝަންތަކުގެ ބަޖެޓް ފާސްކުރަނީ އެޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީހުންކަމަށާއި އެގޮތުން ރާއްޖެއިން ބަލައިގަނެ އަމަލުކުރާ ޖަކާޓާ ސްޓޭޓްމަންޓް އޮން ޕްރިންސިޕަލް ފޮރ އެންޓި-ކޮރަޕްޝަން އެޖެންސީސް ގައިވެސް ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާތަކަށް މާލީ މިނިވަންކަން ކަށަވަރުކުރުން ހިމެނޭކަމަށެވެ. އެހެންކަމުން އެގޮތަށް ބަދަލު ގެނައުން މުހިންމު ކަމަށް ގަބޫލުކުރައްވާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވަނީ ޤާނޫނުގެ ދަށުން އޭސީސީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި ގޮންޖެހުންތައްވެސް ހިއްސާކުރައްވާފައެވެ. އަދި އެކަމަށްވެސް މަޖިލީހުން ހައްލެއް ހޯދައިދެއްވުމަށް ހުށަހެޅުއްވިއެވެ.