ޚަބަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: 200 މީޓަރު ބެކްސްޓްރޯކު އިވެންޓުން މަލައިކާ އާއި އަޔާނާ ފައިނަލަށް


  • އާޔާނާ އާއި މަލައިކާ ފައިނަލުން ޖާގާ ހޯދީ އެ ދެފެތުންތެރިން ވެސް ވާދަކުރި ހީޓުން އެއްވަނަ ހޯދައިގެންނެ

މިހާރު ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަ ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި 200 މީޓަރު ބެކްސްޓްރޯކު އިވެންޓުގެ ފައިނަލަށް ރާއްޖޭގެ މަލައިކާ ލިންޑާ އިމްރާން އާއި އަޔާނާ އަރީފު ދަތުރުކޮއްފިއެވެ.

އާޔާނާ އާއި މަލައިކާ ފައިނަލުން ޖާގާ ހޯދީ އެ ދެފެތުންތެރިން ވެސް ވާދަކުރި ހީޓުން އެއްވަނަ ހޯދައިގެންނެވެ. މި ގޭމްސްގައި މިއަދު ކުރިއަށް ދިޔަ ފެތުމުގެ އިވެންޓުތަކުން 200 މީޓަރު ބެކްސްޓްރޯކު އިވެންޓުގައި މަލައިކާ ރޭސް ފުރިހަމަކުރީ 02:54:98 އިންނެވެ. އަޔާނާ ފައިނަލަށް ދިޔައީ 03:08:81 އިން ރޭސް ނިންމައިގެންނެވެ.

ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ރާއްޖޭގެ އަލީ އިމްއާން ވާދަކުރިއިރު އޭނާ މި ރޭސް ނިންމީ 02:25:20 އިންނެވެ. 4×100 މީޓަރު ފްރީ ސްޓައިލުގައި ވާދަކުރި ދިވެހި ޓީމުން ރޭސް ނިންމާފަ ވަނީ 04:03:40 އިންނެވެ. މި އިވެންޓުގައި ރާއްޖެ ތަމްސީލު ކުރީ އިމްއާން އާއި ލޫތުގެ އިތުރުން ރިހާން އާއި އައިދުއެވެ.