ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ނެދަލެންޑްސް އާއި ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ގްރޫޕް ޖީ ގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު ނެދަލެންޑްސް އަށް ހަތް މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ޕޮލެންޑަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.
އެހެންކަމުން މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އޮޓޮމެޓިކުން ކޮލިފައިވާނެ ޓީމެއް ކަނޑައެޅިގެން ދާނީ އަންނަ ހޯމަ ދުވަހު މި ދެ ޓީމު ކުޅޭ މެޗުތަކަށްފަހުގަ އެވެ. މޮލްޓާ އަތުން ޕޮލެންޑް މޮޅުވެ ނެދަލޭންޑްސް ލިތުއޭނިޔާ އަތުން ބަލިވި ނަމަވެސް ޕޮއިންޓުގެ ގޮތުން ދެ ޓީމު އެއްވަރުވާއިރު ނެދަލެންޑްސް މިހާރުވެސް އޮތީ ފައިދާ 19 ގޯލުގެ ތަފާތަކާއެކުގަ އެވެ.
ޕޮލެންޑްސްގެ ނެރޮޑޯވީ ސްޓޭޑިއަމްގައި ފަންސާސް ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޕޮލެންޑް އިން ވަނީ ނެދަރލެންޑްސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޕޮލެންޑްގެ ޖަކުބް ކަމިންސްކީ އެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި މެމެފިސް ޑިޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ 31 އަހަރުގެ ޑީޕޭ މި ފަހަރުގެ ކޮލިފައިންގައި ޖެހި 8 ވަނަ ލަނޑެވެ. އަދި އޭނާ ގައުމީ ޓީމަށް ޖަހައިދިން 55 ވަނަ ލަނޑެވެ.