ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ފެރޯ އައިލެންޑްސް އާއި ދެކޮޅަށް ކްރޮއޭޝިޔާ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކްރޮއޭޝިޔާ މޮޅުވެ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ކޮލިފައިންގެ ގްރޫޕް އެލް ގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު ކްރޮއޭޝިޔާ އަށް ވަނީ ހަތް މެޗުން 19 ޕޮއިންޓާއެކު ގްރޫޕް އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ހަތް މެޗުން ލިބިފައިވަނި 13 ޕޮއިންޓެވެ. އަދި ފެރޯ އައިލެންޑްސް އަށް އަށް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.
ކްރޮއޭޝިޔާ ގައި ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި ފެރޯ އައިލެންޑްސްގެ ގެޒާ ޑޭވިޑް ޓޫރީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ކްރޮއޭޝިޔާގެ ޑިފެންޑަރ ޖަސްކޫ ގްވަޑިއޯލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ކްރޮއޭޝިޔާއިން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ޕީޓަރ މޫސާ އެވެ. މިއީ 2023 ވަނަ އަހަރަށްފަހު އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށް ވެފައިވަނިކޮށް އިވާން ޕެރިސިޗް ދިން ޕާހަކުން ނިކޮލާ ވްލަސިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން ކްރޮއޭޝިޔާގެ ޑިފެންޑަރ ގްވަޑިއޯލް ބުނެފައިވަނީ އެމީހުން ބޭނުންވި ކަންތައް ހާސިލު ވެއްޖެ ކަމަށާއި ދެން ކުރިއަށް އޮތީ ވޯލްޑްކަޕްގައި ރަގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.