އިންޑޮނޭޝިއާގެ ބަޓަމްގައި މިހާރު ކުރިއަށްދާ 16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ އެތުލީޓު މަނާފް ވަހީދު ލޯ މެޑައްޔެއް ހާސިލްކޮށްފިއެވެ.
އޭނާ ލޯ މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 167 ސެންޓިމީޓަރު ކެޓަގަރީގައި ވާދަކޮށްގެންނެވެ. މި ކެޓަގަރީގައި ޖުމްލަ 11 އެތުލީޓުން ވާދަކޮށްފަވާއިރު، މޮންގޯލިއާ އަދި އިޓަލީފަދަ ގައުމުތަކުން މި ކެޓަގަރީގައިވަނީ ވާދަކޮށްފަވާކަން ފާހަގަކޮށްލެވެއެވެ.
މިއީ މުބާރާތުގައި ރާއްޖޭގެ ޓީމުން ކަށަވަރުކުރި ތިން ވަނަ މެޑައްޔެވެ. އެގޮތުން މިމުބާރާތުގައި ވާދަކޮށް އަޒްނީން ރަޝާދު ރަން މެޑައްޔެއް ހޯދާފަވާއިރު ޢަލީ މަބްރޫކް ލަޠީފްވަނީ ރިލި މެޑައްޔެއް ހާސިލްކޮށްފައެވެ.
މިމަހުގެ 13 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް އިންޑޮނޭޝިއާގައި ކުރިއަށްދާ 16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ފަސް އެތުލީޓަކު ވާދަކުރެއެވެ. އެއީ އަހުމަދު ނައީމް، އަޒްނީން ރަޝާދު، މަނާފް ވަހީދު، އަލީ މަބްރޫކް ލަތީފް އަދި އިސްމާއިލް ޝުއާއު ޢަބްދުﷲ އެވެ. އަދި ގައުމީ ޓީމުގެ ކޯޗު ޢަބްދުލްހަސީބު ހުސައިންއާއި މެނޭޖަރެއްގެ ގޮތުން މުހަންމަދު ނަޒީހު ޓީމާއެކު އިންޑޮނޭޝިއާއަށް ގޮސްފަވާއިރު މިމުބާރާތުގަ ރާއްޖޭގެ ފަރާތުން ހަރަކާތްތެރިވާނެ ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވެފަވަނީ މުހަންމަދު ނާޝިދުއެވެ.
16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވާދަކުރާ ކެޓަގަރީތަކަކީ 17 ސެންޓިމީޓަރ ސްޕޯޓް ފިޒީކް، 175 ސްޕޯޓް ފިޒީކް، 167 އެތުލެޓިކް ފިޒީކް، 175 އެތުލެޓިކް ފިޒީކް އަދި އަޕް ޓު 180 އެތުލެޓިކް ފިޒީކް ކެޓަގަރީއެވެ.