އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޤައުމަށް ކުރިމަތިވެފައިއޮތް ދަތި ހާލަތުން އަރައިގަނެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކުމަތްތެރި ނިންމުންތަކާއި ދުރު ވިސްނޭ ސިޔާސަތުތަކުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވިތާ 2 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ އިޤުތިޞާދާއި ދިވެހި މާލިއްޔަތު ހަމަމަގަށް އަޅުވައި ތަރައްޤީގެ ދުވެލި ސީދާ މަގަށް މިސްރާބުކުރުމަށް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެން ކަމަށެވެ. މިގޮތަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަތީ ދިވެހި އިޤުތިޞާދާއި މާލިއްޔަތާ ގުޅުންހުރި ކަންކަމުގައި ކުރިން އޮތް އެމްޑީޕީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތްތަކުގެ ސަބަބުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ޤާނޫނުތަކަށް ބެލުމެއް ނެތި، ޚުދު މަޖިލީހުގައި އޭރު އިންނެވި ރައީސް މުޙައްމަދު ނަޝީދު ވެސް ދެކޮޅުހައްދަވަމުން ދަނިކޮށް، ވަކި ޚުދޫދެއް ނެތި ފައިސާ ޗާޕުކުރުމުން ބޮޑެތި ގެއްލުންތަކެއް ދިވެހި މާލިއްޔާއަށް ވެގެންދިޔަކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން 2024 ވަނަ އަހަރަށް ދައުލަތުން ބަޖެޓު ހުށައެޅިއިރު، އޭރު އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރަށް ދަތި ކުރުމުގެ ގޮތުން ކުރި ބައެއް ކަންކަންވެސް ނައިބު ރައީސް ޙިއްސާކުރެއްވިއެވެ. އެގޮތުން ބައެއް މަޝްރޫޢުތައް ހިންގަން ނުބައްދަލު އަދަދުތައް ބަޖެޓުގައި ޖަހައިގެން ބަޖެޓު ފާސްކުރީ، ޒިންމާދާރުކަން ކުޑަ ގޮތަކަށް، ސަރުކާރަށް ޖެއްސުންކުރުމުގެ ނިޔަތުގައިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން 2018ގައި ޕީޕީއެމްގެ ސުޕަރ މެޖޯރިޓީ އޮތް އިރު ކިހިނެއްތޯ ކަންކުރީ. ރައީސް ޞާލިހުގެ ސަރުކާރުން ބޭނުންފުޅުވި ގޮތަށް ބަޖެޓު ފާސްކޮށްދިނީ. ބަޖެޓު ކޮމިޓީގެ މުޤައްރިރުކަންވެސް ދިނީ އެމްޑީޕީގެ މެންބަރަކަށް." ނައިބު ރައީސް ވިދާޅުވިއެވެ.
މާލިއްޔަތަށް ލިބުނު ގެއްލުންތަކާއި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މަޖިލީހުން ކުރިމަތިކުރި ގޮންޖެހުންތަކާއެކު ވެސް ވެރިކަމުގެ ފުރަތަމަ އަހަރުވެސް ޤައުމު ހަމަ މަގަށް އަޅުވައި، ވެއްޓިފައި އޮތް އިޤުތިޞާދު އަލުން ކޮޅަށް ޖެއްސެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މިގޮތުން ސަރުކާރަށް މިއަހަރު ދެ އަހަރު ވެގެންދާއިރު، ތަރައްޤީގެ މަޝްރޫޢުތައް ނުހުއްޓި، މާލީ ހާލަތު ރަނގަޅުކޮށް، އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމުގައި ކާމިޔާބީތަކެއް ހޯދިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކުމަތްތެރި ނިންމެވުންތަކާއި ހަރުދަނާ އަދި ދުރު ވިސްނޭ ސިޔާސަތުތަކުގެ ސަބަބުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ ރައްކާތެރިކަމާއި ރައްޔިތުންނާ ބޭނުންވާ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ވަރަށް ރަނގަޅު ތަރުތީބަކުން މަސައްކަތްކުރެއްވީ. އަދި ލޯނުތައް އަދާކުރުމުގައިި ހުރި އުނދަގޫތައް ޤައުމުތަކުގައި ގާތް ގުޅުމެއް އުފައްދައި ލޯން ދެއްކުމުގައިވެސް ލޯން ދެއްކުމުގައި ލުއިތަކެއް ހޯއްދެވި." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ހަލުވިކަމާއެކު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންގޮސް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދައި، އެކަންކަން ތަންފީޒުކުރަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން ހާލު ބެއްލެވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ދަތުރުފުޅު މަތީގައި އުޅުއްވި ނަމަވެސް، ކުޑަވެސް މިންވަރަކަށް ރަސްމީ މަސައްކަތަށް ދެއްވާ އަހަންމިއްޔަތުކަން ކުޑަނުކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.