ޚަބަރު

ޖޯޖިއާ އަތުން ސްޕެއިން އަށް ފަސޭހަ މޮޅެއް


ވޯލްޑްކަޕް ކޮލިފައިންގައި ރޭ ޖޯޖިއާ އާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ފަސޭހަކަމާއިއެކު 4-0 ގެ ނަތީޖާއަކުން ސްޕެއިން ކާމިޔާބުކޮށްފި އެވެ.

ރަށުން ބޭރުގައި ސްޕެއިން ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ސްޕެއިން އިން ލީޑު ނަގާފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މިކޭލް އޮޔަރްޒަބާލް އެވެ.

2010 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ސްޕެއިން އިން މި މެޗުގައި ލީޑު ފުޅާ ކޮށްފައިވަނީ މެޗުގެ 22 ވަނަ މިނިޓުގައި މާޓިން ޒުބިމެންޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ 34 ވަނަ މިނިޓުގައި ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

ސްޕެއިން އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 63 ވަނަ މިނިޓުގައި އޮޔަރްޒަބާލް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ކޮލިފައިންގެ ގްރޫޕް އީ ގައި ކުޅުނު މި މެޗުން ސްޕެއިން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ފަސް މެޗުން 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ތުރުކީ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

އެހެންކަމުން ގްރޫޕްގެ ފަހު މެޗުގައި ތުރުކީ އާއި ދެކޮޅަށް ސްޕެއިން އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުން ހަތް ލަނޑުގެ ތަފާތަކުން ތުރުކީ މޮޅުވެގެން ނޫން ގޮތަކަށް ސްޕެއިން އަށް އޮޓޮމެޓިކުން ކޮލިފައިވުމުގެ ފުރުސަތު ނުގެއްލޭނެ އެވެ.

ކޮލިފައިންގައި ސްޕެއިން މިހާތަނަށް ކުޅޫނު ފަސް މެޗުގައި އެ ޓީމުން ޖުމްލަ 19 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ތުރުކީ އާއި ބުލްގޭރިޔާ ރޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ތުރުކީ އިންނެވެ.