ޚަބަރު

ރައީސް ޑރ. މުއިއްޒަކީ ޖެހިލުން ކުޑަ ލީޑަރެއް، ރައްޔިތުން އިސްކުރައްވާ ނަމޫނާ ވެރިއެއް: ނައިބް ރައީސް


  • ރައްޔިތުން ޤަބޫލުކުރާ ރަނގަޅު ނިންމެވުންތަކެއް ނިންމަވައި، ސިޔާސަތުތައް ދަނީ ތަންފީޒުކުރައްވަމުން ނަފުސާނީ އަދި ޞިއްޙީ ދުޅަހެޔޮކަމަށްޓަކައި މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ސިޔާސީ އެހެން ލީޑަރުންނަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ޖެހިލުން ކުޑަ ސިޔާސީ ލީޑަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން 2 އަހަރުވުމުގެ މުނާސަބާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ކިތަންމެ ރަނގަޅު ނިންމުމެއް ނިންމެވި ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުން ފާޑުކިޔުމަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގެ އާދަކަމަށެވެ. ފެންނަމުންދަނީ ރައްޔިތުން ޤަބޫލުކުރާ ރަނގަޅު ނިންމެވުންތަކެއް ނިންމަވައި، ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ދާކަންކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން ވެރިކަންކުރެއްވި ރައީސުންނަށް ކެރިވަޑައިނުގެންނެވި ރައްޔިތުންގެ ނަފުސާނީ އަދި ޞިއްޙީ ދުޅަހެޔޮކަމަށްޓަކައި މުހިންމު ނިންމެވުންތަކެއް ރައީސް ނިންމަވާ މިހާރު ތަންފީޒުކުރަން ފަށާފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ވޭޕް މަނާކުރުމާއި ޑްރަގާ ގުޅޭގޮތުން ބޮޑެތި އޮޕަރޭޝަންތައް ކުރިއަށްގެންދިއުން މިއީ ކުރިން ފެނިފައިވާ މަންޒަރުތަކެއް ނޫން. މިއީ ކުރީގެ ރައީސުންނަށް ކެރިވަޑައިނުގަތް ނިންމެވުންތަކެއް ނިންމަވަން." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ނިންމެވުންތައް ނިންމަވާއިރު، އެއާ ގުޅިގެން އަންނަ އެހެނިހެން ކަންކަމަށްވެސް ރިޢާޔަތްކުރައްވާ ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވާ ކަމަށެވެ. މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ފެއްޓެވިއިރު، ތަންފީޒުކުރާ އިދާރާތަކަށް ޤާނޫނީ ބާރުވެރިކަންދީ، އެ މީހުން އަނބުރާ މުޖުތަމަޢަށް ނެރެވޭނެ ރީހެބިލިޓޭޝަން ނިޒާމުތައް ހަރުދަނާކުރެއްވިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޙައްޤުތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، އަދި އެކިއެކި ޚިދުމަތްތައް ލިބުމުގައި ލުއި ފަސޭހަ ގޮތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވަމުންދާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިސަރުކާރުގެ ވެރިކަމުގެ ތެރެއިން ހެޔޮ ވެރިކަމެއްގެ ސިފަތައް ފެންނަމުންދާކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މިފަހުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. ރަމަޟާން މަހުގެ ކަރަންޓު ބިލު 400އަށް ރުފިޔާއަށްވުރެ ބޮޑުނުވާނެ ގޮތަށް ހަމަޖެއްސެވުމާއި ރޯދަ ހަދިޔާގެ ގޮތުގައި ޢާންމުކޮށް އެ މަހު ދިވެހިން ބޭނުންކުރާ ތަކެތި ދެއްވުމާއި ރައްޔިތުންނަށް ތަކުލީފަކަށްވާ މިންވަރަށް އަގު ބޮޑުވެފައި ހުރި އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހެޔޮ އަގެއްގައި ސަރުކާރު މެދުވެރިކޮށް ވިއްކަން ފެށުން ފާހަގަކޮށްލެވެއެވެ.