މިދިޔަ ސަރުކާރުން ވަކިވަކި މަޝްރޫޢުތަކަށް އަދަދުތައް ޖަހައިގެން ބަޖެޓުގައި ހިމެނިނަމަސް އޭރު ފެށި ގިނަ މަޝްރޫޢުތައް ހުރީ ހުއްޓިފައިކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާޙު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުންނެވެ.
އިދިކޮޅު މެންބަރުން ގެންދވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވަކިވަކި މަޝްރޫޢުތަކުގެ ތަފުސީލުތައް ހިމަނާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބަޖެޓުގައި ވަކިވަކި މަޝްރޫޢުތަކަށް ހިނގާނެ ޚަރަދުތައް އެނގެންޖެހޭނެކަމަށް އެމެންބަރުން ދަނީ ވިދާޅުވަމުންނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވަކިވަކި މަޝްރޫޢުތައް ހިމަނައިގެން 5 އަހަރު ދުވަހުން 180 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު، ގިނަ މަޝްރޫޢުތައް ހުރީ ނުހިންގި ހުއްޓިފައި ކަމަށެވެ. މިދިޔަ ސަރުކާރުން އެތައް ބިލިޔަން ރުފިޔާގެ ދަރަންޏެއް ނަގައިގެން މަޝްރޫޢުތައް ހިންގިއިރު، މަޝްރޫޢުތައް ކުރިއަށްގެންދިއުމުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާވެސް އޮތީ ނުދީ ކަމަށާއި ކުންފުނިތަކަށް ފައިސާ ޖަމާކޮށްދޭން ފަށާފައިވަނީވެސް މި ސަރުކާރުން ކަމަށް ފަލާހު ވިދާޅުވިއެވެ. މިގޮތުން ނުދީ އޮތް 444 މިލިޔަން ރުފިޔާ އަމިއްލަ ކުންފުނިތަކަށް ޖަމާކޮށްދީފައިވާކަން މިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
"މިސާލަކަށް އޮވެދާނެ މަކުނުދޫގެ ބަނދަރު ހެދުމަށް 6 މިލިޔަން ރުފިޔާ. އިނގުރައިދޫ ބަނދަރު ހެދުމަށް 3 މިލިޔަން ރުފިޔާ. ކެންދޫ ފުޓްސަލް ދަނޑު ހެދުމަށް 200،000 ރުފިޔާ. އަޅުގަނޑު މިތަނަށް އައި ފުރަތަމަ އަހަރު އޭރު ދައުލަތުގެ ބަޖެޓުގައި ޖެހި އެއްޗެހި ހުރީ އެކަންކަން ނުހިނގާ. ދައުލަތެއްގެ ބަޖެޓުގައި ވަކި އަދަދެއް ވަކި ރަށަކަށް ޖެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން."
ފަލާޙު ވިދާޅުވީ ޖުމުލަކޮށް ތަރައްޤީގެ ކަންކަމަށް އަދަދުތައް ހިމަނައި، ޕްރޮގުރާމް ބަޖެޓެއް ހުށަހަޅާގެން މި ސަރުކާރުން ނެރެފައިވާ ނަތީޖާ މާ ރަނގަޅު ކަމަށެވެ.
ފަލާޙު ވަނީ އަންނަ އަހަރުގެ ބަޖެޓު، ކުރީ އަހަރުތަކަށްވުރެ ބޮޑުވުމާ ގުޅިގެން އިދިކޮޅުން ދައްކާ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން މިފަހަރުގެ ބަޖެޓު ބޮޑުވެފައި ވަނީ މިދިޔަ ސަރުކާރުތަކުން ނަގާފައިހުރި ލޯނުތައް ދެއްކުމުގެ ބުރަ ކުރިއަށް އޮތް އަހަރު ދައުލަތުން އުފުލަންޖެހޭތީ ކަމަށް ވިދާޅުވިއެވެ. އެގޮތުން ލޯން ދައްކަން ހިމެނި 9 ބިލިޔަން ރުފިޔާ ނުލައި، އަންނަ އަހަރުގެ ބަޖެޓު މިއަހަރަށް ލަފާކުރި ބަޖެޓަށްވުރެ ކުޑަކަން ފަލާޙު ފާހަގަކުރެއްވިއެވެ.
"ދަރަނި ރޯލުވަމުން އައިސް އޭގެ އެންމެ ބޮޑު އަދަދެއް ދައްކަން ޖެހިފައިވަނީ މިއަންނަ އަހަރު. މީގެ ކުރިން ދަރަނި ދައްކަން މި ޖަހަނީ 4 ބިލިޔަނާއި 6 ބިލަޔާ ދޭތެރޭގެ އަދަދެއް. 2026 ވަނަ އަހަރު އެއާ ޚިލާފަށް 10 ބިލިޔަނެއް އެބަޖެހޭ ޚަރަދުކުރަން." ފަލާޙު ވިދާޅުވިއެވެ.
ފަލާޙު ވިދާޅުވީ މިފަހަރު ސަރުކާރުން ހުށަހަޅާފައިވަނީ ދުނިޔެއާއި ރާއްޖޭގެ އިޤުތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށެވެ. އެގޮތުން އިޤުތިޞާދަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ރާއްޖޭގެ އާމްދަނީ ބަރޯއްސާވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރާނެ އަސަރުތަކަށް ރިޢާޔަތްކޮށް، އާމްދަނީ އިތުރުކޮށް، ޚަރަދުތައް ކުޑަކުރުމަށް ރާވާފައިވާ ކަންކަން ވަރަށް ތަފުސީލުކޮށް ބަޖެޓުގައި ހިމަނާފައިވާކަމަށް ފަލާޙު ވިދާޅުވިއެވެ.