ޚަބަރު

ހަފުތާ 104: 196 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތް


  • މިތަކެތީގެ މަގުމަތީ އަގު 265 މިލިޔަން ރުފިޔާއަށް އަރާ

  • ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް

  • މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް މިމަހުގެ 13 ވަނަ ދުވަހު ފަށާފައިވޭ

ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 196 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތްފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގައި ހާމަކުރައްވަމުން ކަސްޓަމްސްއިން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ޓަކައި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ 2 އަހަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މުއްދަތުގައި ޖުމުލަ 196 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ޖުމްލަ 265 މިލިޔަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.


ސަރުކާރުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް މިމަހުގެ 13 ވަނަ ދުވަހު ފަށްޓަވާފައެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް މިހާތަނަށް ހިންގޭ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އޮޕަރޭޝަންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހުވެސް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ގުޅުންހުރި 104 ތަނެއް ބަލައި، ފާސްކޮށް، 100 މީހުން ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ވަނީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސާފުވަންދެން މި އޮޕަރޭޝަން ނުހުއްޓާނެ ކަމަށާއި 24 ގަޑިއިރު މި އޮޕަރޭޝަން ކުރިއަށްގެންދާނެކަން ހާމަކުރައްވާފައެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ތެރޭގައި އުޅޭ މީހުންނަށް ދިރިއުޅެން އުނދަގޫވާ ވަރު ކުރާނެ ކަމަށާއި ދެން މިކަން ރާއްޖޭގައި ނުކުރެވޭނެކަމަށް ބުނެ ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، މި މައްސަލައަށް ވަށައިޖެހޭ ހައްލެއް ގެނައުމަށްކުރާ މަސައްކަތެކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، ނެޓްވަރކްތައް މުޅިން ނައްތާލުމަށާއި މުޖުތަމަޢުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.