"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާ ޙަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށް ހިންގުމަށް ނިންމާފައިވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން އިޖްތިމާޢީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.
ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާ ޙަވާލުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، އާއިލާތަކުން އަޅާނުލާ ނުވަތަ އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައި ތިބޭ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާ ޙަވާލުކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ، މިއީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ އޯގާތެރި، އަޅާލާ މުޖުތަމައެއް ބިނާކުރުމަށް ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އެންމެންގެ ބައިވެރިވުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
" މި ސަރުކާރަކީ، އޯގާތެރި އަޅާލާ ސަރުކާރެއް. މި މުޖުތަމަޢު ހަދަން ބޭނުންވަނީވެސް އެގޮތަށް. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުމެއްނޫން އަޑުއިވޭކަށް ފެންނާކަށް އެއްވެސް މީހަކަށް އަޅުގަނޑުމެންގެ ތެރޭގައި ކުޑަކުދިންނަށް އަޅާނުލާ އެކުދިންނަށް އަނިޔާކޮށް، އެކުދިންނާ ދޭތެރޭގަ ބަހައްޓަންޖެހޭ އަޅާލުން ނުބަހައްޓާ ވާހަކަ. އެކަން ނައްތާލެވޭނީ އެންމެން ގުޅިގެން" ރައީސް ވިދާޅުވިއެވެ.
ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމަކީ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދާއިމީ އާއިލާއެއް ހޯދަ ދޭން، އެ ކުދިންނަށް އާއިލީ ލޯބީގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ދިނުމަށް ހިންގާ ޕްރޮގްރާމެެކެވެ.