ޖަރުމަނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރުކަން ކުރާނެ މީހަކާ މެދު ސުވާލު ކުރުމުން ކޯޗު ހޫލިއަން ނާގްލްސްމަނަށް ޖަވާބު ނުދެވުނެވެ.
ސްލޮވާކިޔާއާ އަތުން ޖަރުމަނު 6-0އިން އިއްޔެރޭ މޮޅުވި މެޗުގެ ކުރިން ކޯޗު ހޫލިއަން ނާގްލްސްމަންއާ ނޫސްވެރިން ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ގޯލު ބަލަހައްޓާނީ ކާކުތޯ ސުވާލުކޮށްފައެވެ.
ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ ކުޅުން ހުއްޓާލުމުން ޖަރުމަނުގެ އެއްވަނަ ކީޕަރަކަށްވީ، އޭނާގެ ޑެޕިއުޓީއަކަށް ހުރި މާކް އަންދްރޭ ޓާސްޓެގަންއެވެ. ނަމަވެސް ބާސެލޯނާގެ ކެޕްޓަން ވެސް ކުރަމުންދާ ކީޕަރު މިހާރު އެއްގޮތަކަށް ވެސް މެޗެއް ނުކުޅޭތާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެއެވެ.
ޓާސްޓެގަން އަށް އަނިޔާވީ ހުސްވި ސީޒަނުގެ ކުރީކޮޅުއެވެ. އެ އަނިޔާއިން ރަނގަޅުވެގެން މި ސީޒަނުގައި ކުޅެން ތައްޔާރުވިއިރު ބާސެލޯނާއިން ވަނީ އޭނާގެ ބަދަލުގައި ޒުވާން ކީޕަރަކު ގެނެސް ޓީމުގެ ތިން ވަނަ ކީޕަރުކަމުގައި އޭނާ ހަމަޖައްސައިފައެވެ. މިކަމާ ހިތްހަމަނުޖެހިގެން ޓާސްޓެގަން ގަސްތުކުރީ، އޭނާގެ އުނގަނޑަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އޮޕަރޭޝަން ކުރުމަށެވެ. މިހާތަނަށް އޮޕަރޭޝަން ނުކޮށް މި އަނިޔާގައި ހުރެ ކުޅެން އުޅުނު ކީޕަރު އެންމެ ފަހުން އޮޕަރޭޝަން ކުރީ ބާސެލޯނާގެ މެނޭޖްމަންޓަށް ޖެއްސުން ކުރުމުގެ ގޮތުންވެސްމެއެވެ. ނަމަވެސް އޭނާ ނުކުޅެ ހުންނާތީ، ޖަރުމަނުގެ ޤައުމީ ޓީމުގެ އޮފިޝަލުންނާއި އެ ގައުމުގެ ނޫސްވެރިން ކަންބޮޑުވެއެވެ.
ޓާސްޓެގަން ނެތުމުން އެއްވަނަ ކީޕަރުކަން ކުރަނީ ހޮފެންހެއިމްގެ ކީޕަރު އޮލިވަރ ބައުމަންއެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާފައެވެ.
ނަމަވެސް ނޫސްވެރިން ސުވާލު ކުރުމުން ނާގްލްސްމަން ބުނީ ގޯލަށް ކުޅޭނެ ކީޕަރަކު ނިންމާނީ އޭނާ އެކަނި ނޫން ކަމަށެވެ.
"ތިއީ ފަސޭހަ ކަމެއް ނޫން. އަހަރެން މިވަގުތު ވަރަށް ހިތްހަމަޖެހޭ ބައުމަން ދައްކާ ކުޅުމާމެދު. އޭނާ ދަނީ މޮޅަށް ކުޅެމުން. މި ގޮތުގައި އޭނާ ހިފަހައްޓައިފިނަމަ އޭނާ އަށް ގިނަ ފައިދާތަކެއް ކުރާނެ. ދެން އެއްވަނަ ކީޕަރު ނިންމާނީ އަހަރެން އެކަންޏެއްނޫން. އެކަން ނިންމާނީ ގޯލްކީޕަރު ކޯޗު ވެސްމެ. އަދި އެއީ ވަރަށް ގިނަ ހަގީގަތްތަކަކާއެކު ނިންމާނެ ނިންމުމެއް،" ނާގެލްސްމަން ބުންޏެވެ.
ޓާސްޓެގަން އަށް ކުޅުމުގެ ފުރުސަތު ނުލިބޭނަމަ ޖަރުމަނުގެ ޤައުމީ ޓީމުގެ އަންގި އޭނާ އަށް ދިނުމުގެ ބޭނުމެއްނެތް ކަމަށް ބުނާ މީހުން ވެސް ގިނައެވެ. އަދި ކުރީގެ ކޯޗު މެނުއަލް ނޯޔާ އަލުން ޤައުމީ ޓީމަށް ގެނައުމަށް ގޮވާލާ މީހުން ވެސް ދަނީ ގިނަވަމުންނެވެ. ސަބަބަކީ ބައުމަންގެ ތަޖުރިބާ މަދުވުމާއި ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތަކަށްދާއިރު ޖަރުމަނުގެ ގޯލުގައި ތަޖުރިބާ ކީޕަރަކު ހުރުން މުހިންމުވާތީއެވެ.