ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލްގައި ވާދަކޮށް ހީޓްގެ ހަވަނައިގައި ރާއްޖޭގެ އައިޝަތު ޝަބާ ސަލީމް ރޭސް ނިންމައިފިއެވެ.
ޝަބާ ސެމީ ފައިނަލްގައި ވާދަކުރީ ހީޓް އެކެއްގައެވެ. އެ ހީޓްގައި ވާދަކޮށް، އޭނާ ރޭސް ނިންމީ 12.97 ސިކުންތުންނެވެ. ޝަބާ ހީޓްގެ ހަވަނައިގައި ނިންމާލި އިރު، އެ ހީޓްގެ އެއްވަނަ ހޯދީ ކެމަރޫންގެ ކޮލޭ އެޓާމޭ ހޭވާޖް ޓޮންޖޮކެވެ. އޭނާގެ ޓައިމިންއަކީ 11.31 ސިކުންތެވެ.
ޝަބާއަކީ މިވަގުތު ކުރިއަރަމުން އަންނަ ދުވުންތެރިއެކެވެ. ރާއްޖޭގެ މުބާރާތްތަކުގައިވެސް ރަނގަޅު ޓައިމިންތަކެއް ހަދަމުން އަންނަ އިރު، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ޝަބާ ދަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ.
އެގޮތުން މިދިޔަ އޮކްޓޫބަރު މަހު އިންޑިއާގައި އޮތް ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭއަށް ލޯ މެޑަލް ހޯދައިދިން ޓީމުގައިވެސް ޝަބާ ހިމެނުނެވެ. މިއީ މިހާތަނަށް އެ މުބާރާތުން ރާއްޖެއަށް ލިބުނު ފުރަތަމަ މެޑައްޔެވެ.