ޚަބަރު

ގައުމީ ބޮޑީ ބޯޑިން ލީގުގެ ފަހު މުބާރާތް "ބަނޑުފިލާ" 27 އެތުލީޓުންނާއެކު ކުރިއަށް


  • މިއީ ލީގުގެ ފަހު މުބާރާތް، މި މުބާރާތަކީ އެތުލީޓުންގެ ރޭންކިންއަށް ޕޮއިންޓްތައް އިތުރުކުރުމަށް މިއަހަރު ލިބޭ ފަހު ފުރުސަތު

  • ލީގު ނެގުމުގެ އުންމީދުގައި ޒުވާން އެތުލީޓުން ވާދަކުރާ މި މުބާރާތުގައި ޖުމްލަ 27 އެތުލީީޓުން ވާދަކުރޭ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގައުމީ ބޮޑީ ބޯޑިން ލީގުގެ ފަހު މުބާރާތް "ބަނޑުފިލާ ޗެލެންޖް" 27 އެތުލީޓުންނާއެކު ފަށައިގެން ކުރިޔަށް އެބަދެއެވެ.

މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ބަނޑުފިލާ ޗެލެންޖް 2025 ކުރިޔަށްދަނީ މާލޭ ވަރުނުލާ ރާޅުގަނޑުގައެވެ. އެމްބީބީއޭއިން ބުނީ ލީގުގެ ފުރަތަމަ ދެ މުބާރާތެކޭ އެއްގޮތަށް މި މުބާރާތަށްވެސް މާލެ ސިޓީގެ އިތުރުން އަތޮޅުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ގައުމީ ބޮޑީ ބޯޑިން ޕްރޮގްރާމް "ހުދުފޮނު" ގެ ތެރެއިން ފާހަގަވި އަރަމުން އަންނަ އެތުލީޓުންވެސް މި މުބާރާތުގައި ވާދަކުރާ ކަމަށެވެ.

މި މުބާރާތުގެ އިވެންޓުތައް ކުރިއަށް ދާނީ 18-22 ނޮވެމްބަރުގެ ނިޔަލަށެވެ. ސާފިންގ ސްޓޭޑިއަމް އެޅުމަށް ތަޅާލާފައި އޮތް ރާޅުގަނޑު ސަރަހައްދުގައި މި މުބާރާތް ކުރިޔަށްދާއިރު އެމްބީބީއޭއިން ބުނީ މިއީ ކުޅިވަރު ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މުބާރާތެއް ކަމަށެވެ.

އެމްބީބީއޭއިން ވަނީ ބޮޑީ ބޯޑިން އެތުލީޓުން ކުރިއެރުވުމަށް ކުޅިވަރު ވުޒާރާއިން ދެއްވާ އަހަންމިއްޔަތާއި މުބާރާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމަށާއި ރާއްޖޭގެ ބޮޑީ ބޯޑިން ކުޅިވަރުގެ މުސްތަގްބަލަށްޓައި ކޮށްދެއްވާ އެންމެހާ ކަންކަމަށް ކުޅިވަރު ވުޒާރާއަށް ޝުކުރު އަދާކޮށް އެކަން ފާހަގަކޮށްފައެވެ.