ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ތިން އަވަށަކުން މި އަހަރުގެ ކުރީކޮޅު ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ގަދަކަމުން ބޭރުކުރި ކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، ހިޔުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.
ހިޔުމަން ރައިޓްސް ވޮޗްެއިން ނެރުނު ރިޕޯޓެއްގައި ބުނީ ޔަހޫދީ އަސްކަރިއްޔާއިން ހިންގި “އޮޕަރޭޝަން އަޔަން ވޯލް’ގެ ދަށުން މި އަހަރުގެ ޖަނަވަރީ މަހާއި ފެބްރުވަރީ މަހުގެ ތެރޭގައި ހުޅަނގު އައްސޭރީގެ ޖަނީންއާއި ނޫރު ޝަމްސާއި ޠޫލްކަރިމް ކޭމްޕުގައި ދިރިއުޅެމުންދިޔަ ފަލަސްޠީނުގެ 32،000 ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރު
ކޮށްފައިވާ ކަމަށެވެ. ގެދޮރު ގެއްލުނު މީހުންނަށް އަލުން އަނބުރާ އަވަށަށް އައުން މަނާކޮށްފައިވާ ކަމަށާއި، އެ ތިން އަވަށުގައި ހުރި އެތައް ސަތޭކަ ގެއެއް ސުންނާފަތިކޮށްލާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ރިޕޯޓު ތައްޔާރުކުރުމުގައި ބައިވެރިވި މިލޭނާ އަންޞާރީ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުކުރި ފަހުން 10 މަސް ދުވަސް ފާއިތުވެފައިވާއިރު، އެ މީހުންގެ ގެދޮރަށް މިހާތަނަށް އަނބުރާ ދެވިފައި ނުވާ ކަމަށެވެ.
ޖެނީވާ ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ގޮތުގައި އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދެއްގައި ދިރިއުޅޭ ޢާންމުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުކުރުމަކީ މަނާ ކަމެކެވެ. އެ ގޮތަށް ގެދޮރު ދޫކޮށް ދިޔުމަށް އެންގޭނީ ކޮންމެހެން މުހިންމު އަސްކަރީ އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ވެސް އެ ކޮންވެންޝަންގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ޙާލަތުގައި ވެސް އަލުން އަނބުރާ ނާދެވޭ ގޮތަށް ދާއިމީ ގޮތަކަށް ގެދޮރު ދޫކުރުމަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
ހިޔުމަން ރައިޓްސް ވޮޗުން ބުނީ ފަލަސްޠީނުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުކުރުވުމުގައި އިސްކޮށް ޙަރަކާތްތެރިވި ޔަހޫދީންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށުގައާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުކުރި ކަމުގެ ކުށުގައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނީ ޔަހޫދީ ސިފައިން ފަލަސްޠީނުގެ ރައްޔިތުންގެ ގޭގެއަށް ގަދަކަމުން ވަދެގަނެ، މުދާ ބަލައި ފާސްކޮށް ގޭގޭގައި ތިބި ޢާއިލާތައް ގެދޮރުން ނިކުތުމަށް ޑްރޯންގައި ހަރުކޮށްފައިވާ އަޑުގަދަކުރާ ބޭނުންކޮށްގެން ޢަމުރުކޮށްފައިވާ ކަމަށެވެ. ގެދޮރު ދޫކޮށް ދިޔައިރު އެއްވެސް އަންނައުނެއް ހިފާ ގެންގުޅޭ އެއްޗެއް ގެންދިޔުމުގެ ފުރުޞަތު ޔަހޫދީ ސިފައިން ދީފައެއް ނުވެއެވެ. ބޮޑެތި ބުލްޑޯޒަރުތައް ބޭނުންކޮށްގެން ގެތައް ސުންނާފަތިކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެެވެ. ގެދޮރު ދޫކޮށް ދާން މަޖުބޫރުވި މީހުންނަށް ޔަހޫދީން އެއްވެސް ހިޔާވަހި ކަމެއް އަދި އެހީތެރި ކަމެއް ވެސް ފޯރުކޮށްދީފައި ނުވާ ކަމަށާއި، ގެދޮރު ގެއްލުނު މީހުން ހިޔާވަހިކަން ހޯދަން ޖެހުނީ ގާތްތިމާގެ މީހުން ދިރިއުޅޭ ގޭގެއާއި މިސްކިތްތަކާއި މަދަރުސާތައް ފަދަ ތަންތަނުގައި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ހިޔުމަން ރައިޓްސް ވޮޗުން ބުނީ ހުޅަނގު އައްސޭރީގެ ތިން އަވަށުން ގެދޮރު ގެއްލިފައިވާ 31 މީހުންނާ އެ ޖަމްޢިއްޔާއިން ވާހަކަދެއްކި ކަމަށާއި ސެޓެލައިޓު ފޮޓޯ ދިރާސާކޮށް، މީހުން ގެދޮރުން ނިކުތުމަށް ޢަމުރުކޮށް ފޮނުވާފައިވާ ޢަމުރުތަކާއި ވީޑިޔޯ ވެސް ދިރާސާކޮށްފައިވާ ކަމަށެވެ. އެ ތިން ސަރަޙައްދުން 850އަށްވުރެ ގިނަ އިމާރާތް ސުންނާފަތިކޮށްލާފައި ނުވަތަ ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ފާހަގަވި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އދން ވެސް ވަނީ 1،460 އިމާރާތް ސުންނާފަތިކޮށްލާފައި ނުވަތަ ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ބުނެފައެވެ. މި ތިން ކޭމްޕަކީ ވެސް 1948ވަނަ އަހަރު ޔަހޫދީ ދައުލަތް އުފެއްދީންސުރެ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅުމަށް 1950ގެ އަހަރުތަކުގައި ޤާއިމްކޮށްފައިވާ ކޭމްޕުތަކެކެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް، މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުން ވަނީ ނިމުމަކަށް ގެނެސްފައެވެ. ނަމަވެސް އެއްބަސްވުމާ ޚިލާފަށް ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ތަކުރާރުކޮށް ޙަމަލާތައް ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީންގެ ވައިގެ ޙަމަލާތަކުގައި ހަތަރު މީހުން ޝަހީދުވެ، 19 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒުވެފައި ވަނީ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުޙައިލާ އަވަށަށާއި ޢަބަސާން އަވަށަށެވެ. ޢަބަސާންގައި ދިން ބަޑީގެ ޙަމަލާއެއްެގައި ވެސް އެކަކު ޝަހީދުވެފައިވެއެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވަނީ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދެމުންދާ ހަމަލާތައް ބަލައި، އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިންގެ ދައުރު ޢަދާކުރި ޢަރަބި ދައުލަތްތަކާއި ތުރުކީވިލާތާއި އެމެރިކާއިން ފިޔަވަޅު އަޅައިދިނުމަށް ގޮވާލައިފައެވެ.
ޔަހޫދީން ދެކުނު ލުބުނާނަށް ދެމުންދާ ޙަމަލާތައް ވެސް ނޮވެމްބަރު މަހުގެ 19ވަނަ ދުވަހު ވަނީ އަނެއްކާ ވެސް ވަރުގަދަކޮށްފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެ ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ޔަހޫދީ ފައުޖު ލުބުނާނުން ފޭބުމާއި ޙިޒްބުاللهގެ ހަނގުރާމަވެރިން ލިތާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވެއެވެ.
އެެއްބަސްވުމެއް ޤާއިމްކޮށްފައި އޮތް ނަމަވެސް ޔަހޫދީން ދަނީ ލުބުނާނަށް ވެސް ގިނަ ޙަމަލާތައް ދެމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީންގެ ޙަމަލާތަކުގައި 250އަށްވުރެ ގިނަ މީހުން ލުބުނާނުގައި ޝަހީދުވެފައިވެއެވެ. ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް އަނެއްކާ ވެސް ވަރުގަދަކޮށްފައިވާއިރު، ލުބުނާނަށް ޙަމަލާ ދެނީ ޙިޒްބުاللهއަށް އަމާޒުކޮށް ކަމަށް ބުނެއެވެ. އެންމެ ފަހުގް ޙަމަލާތަކުގައި ވެސް ޢާންމުންގެ މީހަކު ޝަހީދުވެފައިވެއެވެ.
ހަނގުރާމައިގައި ބަލިކަށިވެފައިވާ ޙިޒްބުاللهއިން އެ ޖަމާޢަތް އަލުން ތަރުތީބުކޮށް، ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިއީ ޔަހޫދީން އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.