ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. (15 ނޮވެންބަރު) އެގޮތުން ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ޚަބަރު ފާހަގަކޮށްލެވެއެވެ. (16 ނޮވެންބަރު) އަދި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކުރައްވާފައިވަނީވެސް ނިމުނު ހަފުތާގައެވެ. އެއާއެކު ހިޔާ އަދި ވިނަރެސްގެ މަސައްކަތްތަކަށް ނެގި ލޯނުތައް ލުއިކޮށްދޭން ރައީސް އަންގަވާފައިވާއިރު، ފްލެޓް ދޫކުރާ ފުރަތަމަ ސްކީމުގެ އުސޫލު އާންމުކޮށް، 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭ ގޮތަށް ހުޅުވާލުންވެސް ފާހަގަކޮށްލެވެއެވެ.
(19 ނޮވެންބަރު) މީގެ އިތުރުން މާލެ ސަރަޙައްދުގެ ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވާފައިވާއިރު، (20 ނޮވެންބަރު) ޒުވާނުންނަށް ޚާއްސަކޮށްގެން ޤާއިމުކުރި "ޒުވާނުންގެ ވެހި" ރައީސް ހުޅުވައިދެއްވީ ވެސް ނިމުނު ހަފުތާގައެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން ދެ އަހަރު ފުރުން ފާހަގަކޮށްފައިވަނީ ވެސް ނިމުނު ހަފުތާގައެވެ. ސަރުކާރަށް ދެ އަހަރު ފުރުނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެކަން ފާހަގަކުރުމަށް ހަރަކާތެއް ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ކާމިޔާބީގެ އުސްއަލިތައް ޙިއްސާކުރައްވާފައެވެ.
• ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ ދިވެހިންނަށް އިސްކަންދިނުމުގެ މައްޗަށްކަމުގައި ރައީސް ވިދާޅުވި
• އަންނަ ޖެނުއަރީމަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެއްސެވުމަށް ރައީސް ނިންމެވި
• މި ސަރުކާރުން ކަންކަން ކުރާނީ މާތްވެގެންވާ އިސްލާމްދީނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ރައީސް ވިދާޅުވި
• 2 އަހަރު ތެރޭގައި، ސޮވެރައިން ޑިވަލޮޕްމެންޓް ފަންޑު 2 މިލިޔަން ޑޮލަރުން 126 މިލިޔަން ޑޮލަރަށް އިތުރުކޮށްފައިވާކަން ރައީސް ހާމަކުރެއްވި
• އަންނަ އަހަރާ އެއްކޮށް ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ޤާއިމުކޮށް ނިމޭނެކަމަށް ރައީސް ވިދާޅުވި
• ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާއި ޙަވާލުކުރެވިއްޖެކަމަށް ރައީސް ވިދާޅުވި
• އެސްއީޒެޑް ޤާނޫނުގެ ތެރެއިން ލިބޭ އިންވެސްޓްމަންޓްތަކާއެކު އިޤްތިޞާދު ކުރިއަރައި، ސިންދަފާތުވެގެންދާނެކަމަށް ރައީސް ވިދާޅުވި
• 2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ނެރެފައިވާކަމަށް ރައީސް ވިދާޅުވި
• ދެ އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް ވަޒީފާ ދީފައިވާކަން ހާމަކުރެއްވި
• ސަރުކާރުން ދޫކުރާ 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10000 ރުފިޔާއަށްވުރެ ބޮޑު ނުވާނެކަމަށް ރައީސް ވިދާޅުވި
(15 ނޮވެންބަރު) އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، "ރެހެންދި އެވޯޑު" 15 މީހަކު ޙާސިލުކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. (17 ނޮވެންބަރު) އަދި ހުޅުމާލޭގައި 12 ފަންގިފިލާއަށް އިމާރާތްކުރާ ދާރުއްސަލާމް ވަޤްފު ޢިމާރާތުގެ މަސައްކަތް އާރްސީސީއާ ހަވާލުކުރިއިރު، ގޫގުލްއިން ރާއްޖޭގައި ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ޤާއިމުކުރަން ނިންމާފައިވާކަން އިޢުލާންކުރީވެސް ނިމުނު ހަފުތާގައެވެ. (19 ނޮވެންބަރު) ހަމައެއާއެކު އއ. މާޅޮހުގައި ޢަބްދުއްރަޙްމާން މަރާލާފައިވާ މައްސަލާގައި 3 މީހެއްގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ އުފުލީވެސް ނިމުނު ހަފުތާގައެވެ.
(20 ނޮވެންބަރު) މީގެ އިތުރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނެންޝިއަލް ސަރވިސަސް އޮތޯރިޓީ، މިފްސާގެ ސީއީއޯއަކަށް މެލޭޝިއާގެ މާލީ ތަޖުރިބާކާރެއްކަމަށްވާ ދާތޯ އިސްކަންދަރު އައްޔަންކޮށްފައިވާއިރު، ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލީ ނިމުނު ބުރާސްފަތި ދުވަހުއެވެ. ހަމަ އެ ދުވަހު މާލޭގައި ޤާއިމުކުރާ "ދާރުލްއަރްޤަމް" ވަޤުފް އިމާރާތުގެ ބިންގާވެސް އަޅާފައިވެއެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް އިޤުތިޞާދާއި ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ ޚަބަރުތަކެއް ފާހަގަކޮށްލެވެއެވެ.