ޚަބަރު

ހުރަވީ ދުވަސް: ހޮޅިންގެ ކުއްލި ޙަމަލާ - ދޮންބަންޑާރައިން ހޯދި ނަޞްރު


  • ހޮޅިން ރާއްޖެ އަޅުވެތިކުރީ 1752 ވަނަ އަހަރު

  • ހޮޅިން ރާއްޖެ އަޅުވެތިކުރީ ދެ ދިވެއްސެއްގެ ބައިވެރިވުމާއެކު

  • ރާއްޖެ ހިފުމަށްފަހު އެހީތެރިވެދިން ދިވެހިން، ހޮޅިން ޤަތުލުކުރި

  • ހޮޅިންގެ ކިބައިން ރާއްޖެ ސަލާމަތްކޮށްދެއްވީ ކ. ހުރާ މުޅިގޭ ދޮން ޙަސަން މަނިކުފާނު

ދިވެހީންނަކީ މުސްތަޤިއްލުކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ޤައުމެއްގެ ވެރި ބައެކެވެ. އަމިއްލަ ދައުލަތެއް އުފަންކޮށްގެން އަމިއްލަވަންތަ ސަގާފަތެއްގެ މަތީގައި މިނިވަންކަމާއި އެކު ދިރިއުޅެމުން އަންނަތާ އެތަކެއްހާސް އަހަރެއްވެފައިވާ ޤައުމެއްގެ ވެރި ބައެއްވެސްމެއެެވެ. އެހެންކަމުން ދިވެހިރާއްޖެ ފާހަގަކުރެވިފައި ވަނީ ވެސް އެތަކެއްހާސް އަހަރެއްވީ ދައުލަތެއްގެ ގޮތުގައެވެ.

މި ދިގު ޢުމުރުގެ މައްޗަށް ދިވެހީންގެ ދައުލަތް ދެމިގެން އައިސްފައި މިވަނީ ދިވެހި ދައުލަތުގެ ދިފާޢަށްޓަކައި ކުރެވުނު ގިނަގުނަ ހަނގުރާމަތަކަކާއިވެސް އެކީގައެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މި އަންނަނީވެސް އެފަދައިން ދިވެހީންގެ މިނިވަންކަން ނެގެހެއްޓުމަށްޓަކައި ކުރެވުނު ހަނގުރާމައަކުން ދިވެހީން ހޯދި ނަޞްރާ ކާމިޔާބުގެ އުފާވެރި ހަނދާންތަކެވެ.

މީލާދުން 1752 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ދިވެހީން ކުރިމަތިލީ ތިޔާގިކަމާއި އަމާންކަމުގެ ތެރޭގައި ތިބެގެންނެވެ. އެއިރު ދިވެހި ތަޚުތުގައި ރެނދަލި ކުރައްވަމުން ގެންދަވަނީ އައްސުލްޠާން މުކައްރަމު މުޙައްމަދު ޢިމާދުއްދީނު ސްރީ ނަވަރަންނަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުންނެވެ. އެރަދުންގެ ރަސްކަމުން ދެ އަހަރު ފާއިތުވެ ހިނގައްޖެއެވެ. އެރަސްގެފާނަކީ ރައްޔިތުންގެ މައްޗަށް އޯގާތެރިކަން ބޮޑު އަދި ޢަފޫ ކުރެއްވުން ގިނަ ރަސްކަލެއްކަމުގައި ތާރީޚުދީބާ މަޙަލްގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އާއްމުންގެ މެދުގައިވެސް ސުލްޠާން މުޙައްމަދު ޢިމާދުއްދީން ސްރީ ނަވަރަންނަ މަހާރަދުންނާއި މެދު އެއްވެސް ނަފުރަތެއް ނެތެވެ. އެންމެންވެސް ދިރިއުޅެމުން ގެންގޮސްފައިވަނީ އާއްމު ދިރިއުޅުމުގެ ތެރޭގައި އުފާވެރިކަމާއި އެކީގައެވެ.

އެހެންނަމަވެސް އެއިރު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަލްޤާޟީ މުހައްމަދު ޝަމްސުއްދީނާއި މި ފަނޑިޔާރު ތަކުރުފާނުގެ ކޮއްކޮ ޚަޠީބު އަހުމަދު މުޙްޔިއްދީނުގެ ހިތުގައި ހިނގަމުން ދިޔައީ ޣަދަރުވެރިކަމުގެ ޚިޔާލުތަކެވެ. އެދެބެއިންގެ ހިތުގައި ވަނީ ރަސްކަމުގެ މައްޗަށް ދަހިވެތިކަން އުފެދިފައެވެ. ބޭނުންވެފައި ވަނީ ކޮންމެފަދަ ޣަދަރުވެރި އަމަލެއް ހިންގައިގެން ވިޔަސް ރަދުންގެ އަތްޕުޅުން އެ ރަސްކަން ފިރުކައިގަތުމަށެވެ.

މިހެންކަމުން އެދެބެއިން ކުރި ސިއްރު މަޝްވަރާތަކަކަށްފަހު ރާއްޖޭގެ ޒަމާންވީ ޢަދުއްވު ކަންނަންނޫރު ޢަލީ ރާޖާއަށް ޚިޔާނާތްތެރިކަމުގެ ފަތްކޮޅެއް ފޮނުވިއެވެ. އެދިފައި ވަނީ ރާއްޖޭގެ ކަންކަން ހަމަމަގުން ނެއްޓިއްޖެކަމަށާއި އިސްލާމީ އުސޫލުތަކުން މުޅި ރާއްޖެ އެނބުރި ހިނގާއްޖެކަމަށެވެ. އެހެންކަމުން ލަޝްކަރެއް ފޮނުއްވާދެއްވައި މާލެ ހިފައި ދިނުމަށެވެ.

އެހެންނަމަވެސް ފުރަތަމައަށް ފޮނުއްވި ފަތްކޮޅަށް އެއްވެސް އިޖާބައެއް އަލީރާޖާ ނުދެއްވުމުން ދެވަނަ އަނެއްކާ ދެވަނަ ފަތްކޮޅެއްވެސް ފޮނުއްވިއެވެ. ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ރަސްމީ ސިއްކަ ޖެހި ފަތްކޮޅެއްގައި ތިމަންމެން މިތިބީ މިކަމުގައި އެހީ އާއި މަދަދު ފޯރުކޮށްދެއްވަން ކަމަށް ބުނެފައި ވުމުން ހަނގުރާމަމަތީ ގުރާބުތައް ތައްޔާރުކޮށްފައި މާލެއާ ހަނގުރާމައަށް ހޮޅީންގެ ލަޝްކަރު އަލީރާޖާ ފޮނުއްވިއެވެ. އާދޭހެވެ! ދޮންބަންޑާރައިންގެ ޒަމާނުގައި ބެހެއްޓުނު ފިލައެއްގައި މި ހާދިސާގެ ވާހަކަ ބަޔާންވެގެންވަނީ އަންނިވި ފަދައިންނެވެ.

"ހާހާއި އެއްސަތޭކަ ފަސްދޮޅަސް ހަވަނަ އަހަރު ޞަފަރު މަހު ބުދަ ތޭރަ ފޮއި ވިލޭރޭ ދަނަރާހިން އެގާރަޔަށް އައި ކަންނަންނޫރު އަލީރާޖާ ފޮނުވީމާ ކަންނަންނޫރުން ބަޔަކު އައިސް ހޮޅީން މާލެ އަރާ އެތެރެކޯލާއި ރަށުން ފަސްދޮޅަސް ގޯއްޗާއި ތިން މިސްކިތާއި ތިން ގަނޑުވަރާއި ހުޅުލާ ދަވާފައި މިވޭލާ ފުރަމާލޭ ތަޚުތުގައި އިންނެވި އައްސުލްޠާން މުކައްރަމު މުޙައްމަދު ޢިމާދުއްދީން ސްރީ ނަވަރަންނަ ކީރިތި މަހާރަދުނާއި މިރަދުނާއި އެއްކިހުނުފަން އައްސުލްޠާން އިބްރާހިމް އިސްކަންދަރު ރަދުނަށަ އުފަން މުހައްމަދު ކަލަމިންޖާއި މި ދެބޭކަލުން އޮޑިޔަކަށް ލައިގެން ކަންނަންނޫރަށް ގެންގޮސްފައި މި ދިވެހިރާއްޖޭގައި ޢަލީރާޖާއަށް ތާނިޔާ ކިޔައި ސިއްކަ ހިންގައިފޫ....ދެން ހޮޅީން ލަސްކަރީން ކޯއްޓެތަކާއި މި ގަނޑުވަރުގައި ލައިގެން ރަސްކަންމަތީ ލައިގެން މަލިކު މުހައްމަދު ބަންޑޯރު މަނިކު އިދެއްޖައޫ"

އާދޭހެވެ! ފަނޑިޔާރު މުހައްމަދު ޝަމްސުއްދީނާ ޚަޠީބު އަހުމަދު މުޙްޔިއްދީނާ މި ދެބެއިންގެ ހީލަތްތެރި އެހީގައި ދިވެހިރާއްޖެ ހޮޅިންނަށް ހިފިގެން ދިޔައެވެ. އަދި ދިވެހިރާއްޖޭގެ ރަސްކަލަކީ ކަންނަންނޫރު އަލީރާޖާ ކަމުގައި އިއުލާނު ކުރެވި ދިވެހީންގެ ޒަމާންވީ މިނިވަންކަން ދިވެހީންގެ އަތުން ނިގުޅައިގަނެވުނެވެ. ހަމައެހެންމެ ހޮޅިންނަށް ރާއްޖެ ހިފުމަށް އެހީތެރިވެދިން ދެ ދިވެހިންނަށް އެމީހުން އަނިޔާކޮށްފައި ކަނޑުފެއްތީއެވެ. އެއަށްފަހު ދިވެހީންގެ މުދާތައް ފޭރި އަނިޔާކޮށް ދިވެހީން ނިކަމެތިކޮށްގެން އެބައިމީހުން މާލޭގައި އުޅެމުން ދިޔައެވެ.

އަޅުވެތިކަމުގެ ނާމާންކަމާ ބިރުވެރިކަމުގެ ތެރޭގައި 3 މަހެއްހާ ދުވަސް ފާއިތުވެދިޔަތަނުން ދިވެހީންގެ ތެރެއިން ހިތްވަރުގަދަ ފަހުލަވާނުންތަކެއް ހޮޅީންގެ ވެރިކަމާ ދެކޮޅަށް ތެދުވުމުގެ މަޝްވަރާތައް ފެއްޓެވިއެވެ. މި ހިތްވަރުގަދަ ފަހުލަވާނުން ހޮޅީންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގޮތުން 200 ބެއިކަލުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ސިއްރިއްޔާތުގައި ރުކުރުވާލިއެވެ.

މި ލަޝްކަރުގެ މައްޗަށް ކޮމާންޑު ކުރެއްވި ހިތްވަރުގަދަ ފަހުލަވާނުންނަކީ މުލީގެ ދޮން ހަސަން މަނިކުފާނާއި ހަސަން ހިރިހަމައިދި ކަލޭގެފާނާއި ހުސައިން ގަދަހަމާދި މަނިކުފާނާއި މޭނާ ފަޑިއްތަކުރުފާނާއި އަދި ޢުމަރު މަނިކެވެ. މި ބޭކަލުންގެ ކޮމާންޑުގެ ދަށުގައި ހޮޅީންގެ މީހުން ނިދާފައި ތިއްބާ ކުއްލި ހަމަލާއެއް ދެއްވާ އެބައިމީހުންގެ މައްޗަށް ނަސްރު ހޯއްދެވިއެވެ. މުޅި ލަޝްކަރުގެ އިސް ވެރިޔަކީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. އެއީ ދިވެހި ތާރީޚުގައި ދޮން ބަންޑާރައިންގެ ނަންފުޅުން މަޝްހޫރުވެފައިވާ ފަޚުރުވެރި ބަޠަލެވެ.

ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންވީ ޖުމާދިލްއާޚިރު މަހުން 3 ވީ އާދިއްތަ ވިލޭރޭގައެވެ. ދުވަހުގެ އިސް ބަޠަލަކީ ރާއްޖެ މިނިވަން ކުރެއްވުމަށްޓަކައި އިސްނެންގެވި އަދި 200 ފަހުލަވާނުންގެ މައްޗަށް އެކުލެވޭ ހިތްވަރުގަދަ ދިވެހި ލަޝްކަރުގެ މައްޗަށް ކޮމާންޑު ކުރެއްވި ބަޠަލް މުލީގޭ ދޮން ހަސަން މަނިކުފާނެވެ. އެއީ ފަހުން އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނު ނުވަތަ އާއްމު ނަންފުޅުންނަމަ މުލީގޭ ދޮންބަންޑާރައިންނެވެ. މިއަދު އަޅުގަނޑުމެން ހަނދާން އައުކުރަމުން މިދަނީ އެދުވަހުގެ ޛިކުރާތަކެވެ. ހުރަވީ ދުވަހަކީ މިއީއެވެ.